ކުޅިވަރު

2022ވަނަ އަހަރުގެ ކޮމޮންވެލްތް ގޭމްސްއަށް ދިވެހި އެތްލީޓުން ތައްޔާރުވާނެ – މިނިސްޓަރ މަހުލޫފް


ކޮމަންވެލްތް ގޭމްސްއަކީ ދިވެހި އެތްލީޓުންނަށް ހުނަރު ދައްކާލަން ލިބޭ ރަނުގެ ޕްލެޓްފޯމެއް ކަމަށާއި، 2022ވަނަ އަހަރުގެ ކޮމޮންވެލްތް ގޭމްސްއަށް ދިވެހި އެތްލީޓުން ތައްޔާރުވާނެކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހުލޫފް މިހެންވިދާޅުވީ، ކޮމޮންވެލްތް މިނިސްޓީރިއަލް ފޯރަމްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

މި ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ، ދިވެހި އެތްލީޓުންނަށް ރަނގަޅު ޓްރެއިނިން ދިނުމަށާއި ކުޅިވަރު ކުޅުމަށް ފެންވަރު ރަނގަޅު ފެސިލިޓީސް ގާއިމްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ދިވެހި އެތްލީޓުންނަށް ތަމްރީން ފުރުސަތުތަށް ހޯދައިދިނުމަށާއި، ކުޅިވަރުން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރ ވަނީ ކޮމޮންވެލްތުގައި އެދިވަޑައިގެންފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ކުޅިވަރުތަށްވެސް މުޅިން ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، މިކަމުގެ ސަބަބުން 2023ވަނަ އަހަރު ރާއްޖެއިން ހޯސްޓުކުރުމަށް ހަމަޖެހިފައިވާ މުބާރާތަށް ތައްޔާރުވާން ގިނަ ހުރަސްތަކެއް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއީ ދިވެހިރާއްޖެ އަލުން ކޮމޮންވެލްތާއި ގުޅުނުފަހުން ސްޕޯޓްސް މިނިސްޓީރިއަލް ފޯރަމެއްގައި ރާއްޖޭގެ ވަޒީރަކު ބައިވެރިވެވަދައިގެންނެވި ފުރަތަމަ ފަހަރެވެ. ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި 54 މެމްބަރު ގައުމުތަކުގެ ކުޅިވަރާއިބެހޭ އިސްބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ.