ޚަބަރު

ދެވަނަ ފަހަރަކަށް ކޯވިޑެއް ނުޖެހޭ، ވައިރަހުގެ އެތިކޮޅެއް ހުރެދާނެ


މިހާތަނަށް ދެވަނަ ފަހަރަށް ކޮވިޑް ޖެހުނަކަން ޔަގީންކަމާއި އެކު ސާބިތުކުރެވިފައި ނުވާކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިން ޑޮކްޓަރ އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއިން ކޯވިޑް-19 ޖެހި ރަނގަޅުވި ދިވެއްސަކު އަނެއްކާވެސް އެ ބައްޔަށް ޕޮޒިޓިވްވި ކަމަށް ދައްކާފައިވަނިކޮށެވެ. ބަލި މީހެއްގެ އެހީތެރިއެއްގެ ގޮތުގައި އިންޑިއާއަށް ގޮސް ހުއްޓާ ޕޮޒިޓިވްވި މި މީހާއަކީ މިދިޔަ މޭ މަހު މި ބައްޔަށް ޕޮޒިޓިވްވި މީހެކެވެ. އޭގެ ފަހުން މި މީހާ އިންޑިއާއަށް ދިޔައީ ކޯވިޑަށް ހެދި ޓެސްޓް ނެގެޓިވްވުމުންނެވެ.

ޑރ ފައިސަލް ވިދާޅުވީ ކޯވިޑް ޖެހުމަށްފަހު އަލާމާތެއް ނެތިއްޔާ 3 މަސްތެރޭގައި ޓެސްޓްކޮށްގެން ފޮޒިޓިވްކަމަށް ދެއްކިޔަސް އެއީ އަލުން އެ ބަލި ޖެހުނީ ނޫންކަމަށެވެ. އަދި އެއީ ޓެސްޓުން ވައިރަސްގެ ބައިތައް އަލުން ދެއްކުންކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ކޯވިޑް ޖެހުނު އެއްވެސް މީހަކަށް އަލުން އެ ބަލި ޖެހުނުކަމެއް މިހާތަނަށް ކަމާއި ބެހޭ ފަރާތަކުން ސާބިތުކޮށްދީފައެއް ނުވެއެވެ. އެހެންނަމަވެސް މީގެކުރިން މި ފަދަ ބައެއް ހާދިސާތައް ދިމާވުމުން ކުރި ބައެއް ތަހްލީލުތައް ކޮށްފައި އެބަހުއްޓެވެ. އެ ތަހްލީލުތަކުން ދައްކާފައިވަނީ އެހެން ދިމާވަނީ ބަލިން ރަނގަޅުވުމަށްފަހުވެސް މަރުވެފައިވާ ވައިރަހުގެ އެތިކޮޅުތައް ހަށިގަނޑުގެ ތެރޭގައި ހުންނަނީއެވެ. އަދި މިކަން ޕީސީއާރު ޓެސްޓުން ދެއްކި ނަމަވެސް އެއީ އަލުން ބަލި ޖެހުނީ ނޫންކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.