މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް މިއަހަރުތެރޭ 29 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަަކަދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 3.4 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައިވާ ކަމަށެވެ.
މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމުން މަސްވެރިންނަށް އައިސް ހޯދުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ޒަހާ ވިދާޅުވިއެވެ.
"އައިސް ހޯދުމަށް ކިއުގައި ހޭދަކުރާ ވަގުތު ކުޑަކޮށް، މަސްވެރިންނަށް މަސްވެރިކަމުގައި އުޅޭ ވަގުތު އިތުރުކުރެވޭ، މަސްވެރިންނަށް އައިސް ހޯދުމުގައި ކުރާ ހޭދަ އެތަށް ތަނަކުން ކުޑަވެ، މަސްވެރިކަމުގެ ނަފާ އިތުރުވެގެންދާނެ،" ޒަހާ ވިދާޅުވިއެވެ.
"ކަނޑުފަޅުގެ ނަފާ"ގެ ނަމުގައި ދޫކުރާ މި މިލޯނަކީ ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ދޫކުރާ ލޯނެކެވެ. މިލޯނުގެ މަޤުޞަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާޢިމުކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ހިންގާ ލޯނު ޕްރޮގްރާމެކެވެ. އަދި މަސްވެރިކަމުގައި ބޭނޭ މަސް ގިނަވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަވަގުތު ހޭދަކުރެވޭގޮތް މެދުވެރިކޮށްދީ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވެ ދިނުމަކީވެސް މީގެ މަޤްޞަދެކެވެ.
ލޯނު ޕްރޮގްރާމްގެ ދަށުން ލޯނަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ހަތް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެކަމަށާ، މިލޯނު ދޫކުރާނީ ފައިބަރު ދޯނިފަހަރުތަކަށް ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
މިމަޝްރޫޢުގެ ދަށުން ދޫކުރާ ލޯނުގެއަގު ކަނޑައަޅާފައިވަނީ ލޮނު ފެނުން މަސް ފިނިކުރާ ނިޒާމުގެ 10 ޓަނާއި 15 ޓަނުގެ ޕްލާންޓަށް އަމާޒުކޮށް، އޭގެ އަގާއި ސިސްޓަމް ހިންގަން ބޭނުންވާ ޖަނަރޭޓަރުގެ އަގާއި ދޯނީގައި މިސިސްޓަމް ހަރުކުރުމުގެ އަގު ހިމަނައިގެންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
6 އިންސައްތައިގެ އިންޓްރެސްޓް ރޭޓަކާއި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން ދޫކުރާ މިލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.