ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި އެކު މަސްޖިދުލް ޙަރަމް މި އަހަރުގެ ޙައްޖުވެރިންނަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ. ކޯވިޑް ބަލިން ރައްކާތެރިވުމުގެ ގޮތުން މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ވަނީ ޚާއްޞަ ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން ގެފުޅުގައި ބީހުމާއި ބޮސްދިނުން ވަނީ މަނާކޮށްފައެވެ. ޖަމާޢަތުގައި ނަމާދުކުރާ ވަގުތުތަކާއި ޠަވާފުކުރާ ވަގުތުތަކުގައި ކޮންމެ ޙައްޖުވެރިއެއްގެ ދެމެދުގައި ދޮޅު މީޓަރުގެ ދުރުމިނެއް ހުންނަޖެހޭނެކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މަސްޖިދުލް ޙަރަމް މި އަހަރުގެ ޙައްޖުވެރިންނަށް ހުޅުވާލުމަށް ތައްޔާރުވެފައިވާއިރު ޠަވާފު ކުރާ މީހުންނާއި ނަމާދުކުރާ މީހުންނަށް ތިބެންޖެހޭ ތަންތަން ފާހަގަކުރުމަށް ވަނީ ނިޝާންތައް ޖަހާފައެވެ. މަޠާފް ސަރަހައްދުގެ ތަޅުމުގައިވަނީ ނޫކުލައިން ނިޝާންތައް ޖަހާ ފާހަގަކޮށްފީފައެވެ.
މިއަހަރުގެ 160 ޤައުމަކުން މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވާނެކަން ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ. ކޯވިޑް ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ އަދަދު ސައުދީ ސަރުކާރުންވަނީ 1000 މަދުކޮށްފައެވެ. މި އަހަރުގެ ޙައްޖުގައި ބައިވެރިވާ ހުރިހާ ޙާޖީން މިވަގުތު ތިބީ މައްކާގައި ކަނޑައެޅިފައިވާ ހޮޓަލުގައި ކަރަންޓީނުގައެވެ. އަދި ޙައްޖުވެރިންނަށް ބޭނުންވާ މުހިއްމު ހުރިހާ ސާމާނެއްވެސް ދީފައިވަނީ ސައުދީ ސަރުކާރުންނެވެ.
ޙައްޖުވެރިން މައްކާ ކަރަންޓީނުގައި ތިބުމަށްފަހު ޙައްޖުމަހުގެ 8ވަނަ ދުވަހު ޔައުމުއްތަރްވިޔާ (އިޙްރާމް ބަންނަ ދުވަސް)ގައި ހުރިހާ ހައްޖުވެރިންވެސް ހޮޓަލުން އިޙްރާމް ބަންނުމަށްފަހު ޙައްޖަށް ނިޔަތް ގަންނާނީ ޤަރުނުލްމަނާޒިލް (ތާއިފް ކައިރީގައި) ހުންނަ މީގާތުންނެވެ. އަދި އެއަށްފަހު ހައްޖުވެރިންނަށް ޚާއްސަކޮށް މިނާގައި ކަނޑައަޅާފައިވާ ތަންތަނަށް ގެންދާނެއެވެ.
މިފަހަރުގެ ޙައްޖުގައި ބައިވެރިވަނީ ކޮން ޤައުމުތަކެއްކަމެއް އަދި ސައުދީ ސަރުކާރަކުން ނުބުނެއެވެ. މި އަހަރަށް ޙައްޖާޖީން ހޮވާފައިވަނީ އެކަމަށް ހުޅުވާލުމުން އޮންލައިންކޮށް ހުށައެޅި ފަރާތައް ބެލުމަށްފަހުކަމަށް ސައުދީ ސަރުކާރުން ބުނެއެވެ. އަދި މި ފަހަރު މީހުން ހޮވުމުގައި ފަރުޝު ޙައްޖު ނުވާ މީހުންނަށް ވަނީ އިސްކަން ދީފައެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމުގައި 5 ދިވެއްސަކުވެސް ބައިވެރިވެއެވެ. އޭގެތެރޭގައި ހިމެނޭނީ މަދީނާ ޔުނިވަރސިޓީގައި ކިޔަވަމުން އަންނަ 2 ދަރިވަރަކާއި ޤަސީމް ޔުނިވަރސިޓީގައި ކިޔަވަމުން އަންނަ ދަރިވަރަކާއި ރިޔާޒުގައި މެޑިސިން ހަދަމުން އަންނަ ދަރިވަރެއްގެ އިތުރުން ހާއިލްގައި މަސައްކަތް ކުރާ އެއަރ ކްރާޕާޓް އިންޖިނިއަރެކެވެ.
މިއަހަރު ހުރިހާ ޙާޖީންނަށް ޒަމްޒަމް ފެން ލިބޭނީ އެކަކު ބޭނުންކުރާ މިންވަރަށް ކުދި ފުޅިތަކުގައެވެ. އަދި ޖަމްރާއަށް އުކަން ހިލަ ހޮވުމުގެ ބަދަލުގައި ކޮންމެ ޙާޖީއަކަށް ހިލަ ކޮތަޅެއް ދިނުމަށް ވަނީ ނިންމާފައެވެ.