މިއހަރުގެ އަޟްޙާ ޢީދު ނަމާދު މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައި ނުކުރާގޮތަށް އިސްލާމިކް މިނިސްތްރީން ނިންމަވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިގޮތަށް ނިންމަވާފައިވަނީ ކޯވިޑް-19 މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދާތީ ގިނަ ބަޔަކު އެއްތަނަކަށް އެއްވުމަކީ ރައްކާތެރިކަމަކަށް ނުވާތީއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ނުކުރިނަމަވެސް އިސްލާމީ މަރުކަޒާއި ހުކުރު ކުރާ މިސްކިތްތަކުގައި ޢީދު ނަމާދު ކުރާނެކަމަށެވެ. އަދި ރަށްރަށުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ އެ ރަށެއްގެ ރަށު ކައުންސިލުން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މާލޭގައި މިއަހަރުގެ އަޟްހާ ޢީދު ނަމާދު ބޮޑުޖަމާއަތުގައި ނުކުރަން ނިންމާފައިވާއިރު މިއަހަރުގެ ފިޠުރު ޢީދު ނަމާދުވެސް ބޮޑު ޖަމާޢަތުގައި ކޮށްފައެއް ނުވެއެވެ.
މީގެ ކުރިން މޫސުން ތަންދޭނަމަ ކޮންމެ އަހަރަކުވެސް ފިޠުރު ޢީދާއި އަޟުޙާ ޢީދު ނަމާދު މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޮޑު ޖަމާޢަތުގައި ކުރެއެވެ. އަދި މި ޖަމާޢަތްތަކުގައި ގިނަ ބަޔަކު ބައިވެރިވެއެވެ. އެހެންނަމަވެސް މިއަހަރުގެ ދެ ޢީދުވެސް ދިމާވެފައިވަނީ ކޯވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރެއްގައެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނައިން މީހުން އެއްވެގެން ކުރިއަށްގެންދާ ޙަރަކާތްތައް ކުރިއަށް ނުގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. މިއހަރުގެ އަޞްޙާ ޢީދު ދިމާވަނީ މިމަހުގެ 31 ވާ ހުކުރު ދުވަހަށެވެ.