ޚަބަރު

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި


ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފއެވެ. މި މަސައްކަތް ނިންމާލާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 180 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ވަނީ އަތުރާފައެވެ. މީގެ އިތުރުން 5000 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިންގަނޑު އެއްވަރުކޮށްފައިވެއެވެ. މި މަޝްރޫޢަކީ ފޮއްދޫއަށް ދިމާވެފައިވާ ރަށް ގިރުން މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނާއި، ލަފާފުރުމަށް ބޭނުންކުރާ ފާލަން ރަށާއި ވަކިވެފައިވުމާއެކު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މާރޗްމަހުގެ 7 ވަނަދުވަހުއެވެ. އަދި މި މަޝްރޫޢަށް 6.7 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 25 ފެބްރުއައީ 2020 ގައެވެ.

ދިވެހި ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމުކޮށްދީ ރަށްވެހި ތަހުޒީބު ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޓީސީސީން މުޅިން އަލަށް އެތައް މަޝްރޫޢެއް ފަށައި، އޭގެ ތެރެއިން ބައެއް މަޝްރޫޢުތައް ވަނީ މިހާރު ނިމިފައެވެ. އެގޮތުން މިއަހަރު ތެރޭގައި 17 ރަށުގައި 19 މަޝްރޫޢެއްގެ މަސައްކަތްވަނީ ނިންމާލާފައެވެ. އަދި މި ޖުލައި މަހުގެ ތެރޭގައި ބަނދަރު ހެދުމުގެ 2 މަޝްރޫޢަކާއި އެއަރޕޯޓު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢެއްގެ މަސައްކަތް ނިންމާފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި މިހަފްތާ ތެރޭގައިވެސް އިތުރު ދެ މަޝްރޫޢެއްގެ މަސައްކަތް ނިންމާ ކަމާބެހޭ ފަރާތާ ހަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.