ވިޔަފާރި

ލޭނު މަސްވެރިކަމަށް ހުއްދަ ދޭނީ މެނޭޖްމަންޓް ޕްލޭންތައް ނިމުމުން- މިނިސްޓަރ


ލޭނު މަސްވެރިކަންކުރުމުގެ ހުއްދަ އަލުން ދޭން ފަށާނީ ކަނޑުމަހުގެ ހުރިހާ މަސްވެރިކަމަކަށް އަމާޒުކޮށްގެން ތައްޔާރުކުރާ މެނޭޖްމަންޓު ޕްލޭންތައް ނިމުމުންކަމަށް މިނިސްޓަރ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

ލޭނު މަސްވެރިކަން ރާއްޖޭގައި ކުރުން މިވަގުތު މަޑުޖައްސާލާފައިވަނީ ޤަވާއިދާ ހިލާފް ގިނަ ކަންތައްތަކެއް މިމަސްވެރިކަމުގައި ކުރިއަށްދާކަން ފާހަގަކުރެވުމުންނެވެ. އެގޮތުން ސަރުކާރުން ވަނީ ލޭނު މަސްވެރިކަމަށް ލައިސަންސް ދޫކުރުން މިދިޔަ އަހަރުތެރޭ ހުއްޓާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ ލޭނު މަސްވެރިކަން ކުރުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ހުރިހާ މަސްވެރިކަމަކަށް އަމާޒުކޮށްގެން ނެރޭ މަސްވެރިކަމުގެ މެނޭޖްމަންޓު ޕްލޭންގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަސްތެރޭ ނިމުމުންކަމަށެވެ.

" ލޭނުމަސްވެރިކަން މި ސަރުކާރުން ހުއްޓުމަކަށް ގެނައީ އެމަސްވެރިކަމުގައި ޤާނޫނާއި ޤަވާއިދާއި ހިލާފަތް ގިނަ ހަރަކާތްތަކެއް ކުރިއަށް ދާތީވެ، އަދި އެކަމުގެ ސަބަބުން ދިވެހި ރާއްޖޭގެ ހުރިހާ މަސްވެރިކަމަކަށް ވަކިން ހާއްސަކޮށް ދޮށީގެ އަދި ބޮޑު ކަންނެލީގެ މަސްވެރިކަން ބޮޑު ގެއްލުމެއް ކުރިމަތިވަމުން ދިޔަ،" ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޔޫރަޕިން ޔޫނިއަނުންވެސް މިކަމާއި ގުޅޭގޮތުން ކަންބޮޑުވުންތައް ފާޅުކޮށްފައިވާ ކަމަށެވެ. އަދި އަލުން ލޭނު މަސްވެރިކަމަށް ހުޅުވާލާއިރު، އެމަސްވެރިކަން ކުރާ އުޅަނދުތައް މޮނީޓަރކުރުމުގެ މަސައްކަތް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އުޅަނދުފަހަރުގައި އުޅޭ ދިވެހިންގެ އަދަދު ބަލާނެ، ދިވެހިން މަސައްކަތަށް ނިކުތުމަށް އެކަށޭނަ އުޅަނދެއްތޯ ބަލާނެ، އަދި އުޅަނދު ފަހަރުގެ ހަރަކާތްތައް ބެލުމަށް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ކުރާނެ"، މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ 2012 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފްކުރިނަމަވެސް މިބާވަތުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދިވެހި މަސްވެރިން ވަރަށް މަދެވެ. ރާއްޖޭގައި ކުރަމުން އަންނަ މަސްވެރިކަމުގެ ބާވަތްތަކާއި ޚިލާފަށް ލޭނު މަސްވެރިކަމަކީ ބިދޭސީންނަށް މަސްވެރިކަން ކުރުމުގެ ހުއްދަ އޮންނަ ހަމައެކަނި މަސްވެރިކަމެވެ. މިހުއްދައިގެ ދަށުން ލޭނު މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގައި ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅުމަށް ފުރުޞަތު އޮވެއެވެ.

އެހެންކަމުން މިފަދަ އުޅަނދުތަކުގައި 10 ވަރަކަށް މީހުން އުޅޭއިރު، އޭގެ ތެރޭގައި ގިނަ ފަހަރަށް ހިމެނެނީ އެންމެ ދިވެއްސެއްކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި ލޭނު މަސްވެރިކަމުން ބިދޭސީން ނުހައްޤުން ފައިދާ ހޯދަމުންދާކަމަށް ގިނަ ފަރާތްތަކުން ތުހުމަތުކުރެއެވެ.