ކުޅިވަރު

އިންފަންޓީނޯގެ މައްސަލައެއް ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން ބަލަން ފަށައިފި


ދުނިޔޭގެ ފުޓުބޯޅައާއި ބެހޭ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މައްސަލައެއް ސްވިޒަލޭންޑުގެ ސްޕެޝަލް ޕްރޮސެކިއުޓަރުން ބަލަން ފަށައިފިއެވެ.

ސްވިޒަލޭންޑުގެ ސްޕެޝަލް ޕްރޮސެކިއުޓަރުން ބަލަމުންދާ މި މައްސަލައަކީ، އެގައުމުގެ އެޓާނީ ޖެނެރަލް މައިކަލް ލައުބާ އާއިއެކު އިންފަންޓީނޯ ބޭއްވި ސިއްރު ބައްދަލުވުމަކަށްފަހު ފެންމަތިވެގެންއުޅޭ މައްސަލައެކެވެ.

ރިޕޯޓްތަށް ބުނާގޮތުން އިންފަންޓީނޯ އާއިއެކު ބޭއްވި ސިއްރު ބައްދަލުވުމަކަށްފަހު ސްވިޒަލޭންޑުގެ އެޓާނީ ޖެނެރަލް ލައުބާ ވަނީ މިދިޔަ ހަފްތާގައި މަގާމު ދޫކޮށްލުމަށް އިސްތިޢުފާގެ ސިޓީ ހުށަހަޅާފައެވެ. އަދި މި ބައްދަލުވުން ބާއްވާފައިވަނީ ފީފާއާއި ގުޅުންހުރި ކޮރަޕްޝަނުގެ މައްސަލައެއް އެޓާނީ ޖެނެރަލްއިން ބަލަމުންދަނިކޮށް ކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ.

މި މައްސަލަ ތަހުގީޤު ކުރުމަށް ސްވިޒަލޭންޑުގެ ފެޑެރަލް ޕްރޮސެކިއުޓާސްއިން މިހާރު ވަނީ ސްޕެޝަލް ޕްރޮސެކިއުޓާ ސްޓެފަން ކެލާ ހަމަޖައްސާފައެވެ. އަދި ފީފާގެ ރައީސް އިންފަންޓީނޯ އާއި މައިކަލް ލައުބާގެ މި ސިއްރު ބައްދަލުވުމުގައި ޤާނޫނާއި ޚިލާފު ކަންތައްތަކެއް ހިމެނޭތޯ ބަލައި އެކަންކަމުގައި ބައިވެރި އެންމެންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.