ކުޅިވަރު

އެލީޓް ރަނާސް މޯލްޑިވްސްއިން "ނިއު ނޯމަލް ޗެލެންޖް"އެއް ބާއްވައިފި


ކޯވިޑް-19ގެ ފުރަބަންދައްފަހު ދިން ލުއިތަކާއި އެއްގޮތަށް އެލީޓް ރަނާސް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ޚާއްސަ ދުވުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

"އެލީޓް އެމްވީ ނިއު ނޯމަލް ޗެލެންޖް"ގެ ނަމުގައި ބޭއްވި މި ޚަރަކާތް ކުރިއަށްގެންދިޔައީ ހުސްވި ޖުލައިމަހުގެ އެއްވަނަދުވަހުން ފެށިގެން 30ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޖެލެންޖުގެ ޓާސްކް އަކީ 30 ސުވަހުގެ ތެރޭގައި 1000 ކިލޯމީޓަރު ދުވެގެން ހަމަކުރުމެވެ. އެލީޓް ރަނާއިން ބުނީ މިއީ ކޯވިޑް-19ގެ ފުރަބަންދައްފަހު ނިއު ނޯމަލްގެ ހާލަތުގައި އާންމުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅައި އެކަމަށް އަހުލުވެރިކުރުވުމުގެ މައްގަސަދުގައި ބޭއްވި ޗެލެންޖެއް ކަމަށެވެ.

މި ޗެލެންޖުގައި 17 ޓީމާއި އިންޑިވިޖުއަލް 3 ދުވުންތެރިން ހިމެނޭގޮތަށް ޖުމްލަ 71 ދުވުންތެރިން ވާދަކުރިއެވެ. އެއީ ލޯކަލް 15 ޓީމާއި އިންޓަނޭޝަނަލް 2 ޓީމެވެ. މީގެތެރެއިން ޗެލެންޖް ފުރިހަމަކުރެވުނީ 10 ޓީމާއި އެއް އިންޑިވިޖުއަލް ދުވުންތެރިއަކަށެވެ.

މި ޗެލެންޖުގައި އެއްވަނަ ލޯކަލް ޓީމަކަށް ހޮވުނީ ޔޫ.އެމް.ކޭ އެވެ. އެއީ 17 ދުވަހުގެ ތެރޭގައި 1000 ކިލޯމީޓަރު ހަމަކޮށްގެންނެވެ. އެއްވަން އިންޓަނޭޝަނަލް ޓީމަކަށް ހޮވުނީ މޮރޮކޯގެ ޓީމެކެވެ. އެއީ 12 ދުވަހުގެ ތެރޭގައި ޖެލެންޖް ފުރިހަމަކޮށްގެންނެވެ.

ޗެލެންޖް ފުރިހަމަކުރި އިންޑިވިޖުއަލް ދުވުންތެރިއަކީ އިބްރާހިމް ސާއިދު އަލީއެވެ. އޭނާ ޗެލެންޖް ފުރިހަމަކުރީ 28 ދުވަހުގެ ތެރޭގައެވެ. ބެއާފޫޓް ދުވުންތެރިއެއްގެ ގޮތުގައި މަޝްހޫރު އިބްރާހިމް ސާއިދު މި ޗެލެންޖުގެ އެއްބައި ފުރިހަމަކުރީ ހޯމް އައިސޮލޭޝަންގައި ހުރެގެންނެވެ.

ޗެލެންޖު ފުރިހަމަކުރި ހުރިހާ ދުވުންތެރިންނަށް އެލީޓް ރަނާސްއިންވަނީ ފިނިޝާ މެޑަލް އާއި ސެޓިފިކެޓް ހަވާލުކޮށްފައެވެ. ނަމަވެސް މިހާރުގެ ހާލަތާއި ގުޅިގެން ޗެލެންޖުގެ ނިންމާލުމުގެ ރަސްމިއްޔާތު ވަނީ ފަސްކޮށްފައެވެ.