މާލެ ސަރަޙައްދު ފުރަބަންދަކަށް ދިޔުމާއެކު ގޭގައި ގިނަ ވަޤުތުތަކެއް ހޭދަކުރަން އެންމެންނަށްވެސް މަޖުބޫރުވެގެންދިޔައެވެ. މިއާއެކު ގޭތެރޭގެ އެކި ކަންތަކަށް ދެވޭ ސަމާލުކަން އިތުރުވެގެންދިޔައެވެ. އަދި ވަގުތު ހޭދަކުރުމަށް ގިނަ ބަޔަކުވަނީ ކޮންމެވެސް ކަހަލަ ހޮބީއެއް ފަށާފައެެވެ. ބައެއް މީހުން މަސްފަދަ ތަކެތި ގެންގުޅެން ފަށާފައިވާއިރު، އެންމެ ގިނަ ބަޔަކު ކުރަން ފެށި މަސައްކަތަކީ ގޭގައި ގަސް ހެއްދުމެވެ.
ރާއްޖޭގައި ގަހުގެ ވިޔަފާރިވަނީ މީގެކުރިން ކުރިއަރައިގެން ނުދާ މިންވަރަކަށް ކުރިއަރާފައެެވެ. ގަހުގެ ޑިމާންޑު އިންތިހާއަށް އިތުރުވެފައިވާއިރު، ގަސްވިއްކާ ފިހާރަތަކުގެ ބޭރުގައި އަބަދުވެސް އޮންނަނީ ކިޔޫ ހަދާފައެެވެ.
ސޯޝަލް މީޑިއާއިންވެސް ގަހާއި ގުޅޭ ތަކެތި ވިއްކާ ފަރާތްތައް އިތުރުކަން ފެނެއެވެ. މާލޭގައި ގަހުގެ ވިޔަފާރިކުރާ ފަރާތްތަކުން ބުނީ ކުރިއާ އަޅާބަލާއިރު މިހާރު ގަސް ގަންނަ މީހުން ވަރަށް ގިނަވެފައިވާ ކަމަށެވެ. އަދި ހާއްސަކޮށް އިންޑޯ ޕްލާންޓުތަކުގެ ޑިމާންޑު ބޮޑެވެ. ގޭތެރެ ޒީނަތްތެރިކޮށްލުމަށް ގަސް ބޭނުން ކޮށްލުމާއި، ބެލްކަނީތައް ފަޅު ފިލުވާލުމަށްވެސް ގަސް ބޭނުންކުރާ މީހުން ވަނީ އިތުރުވެފައެވެެ.
ގަހުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނާގޮތުގައި އިންޑޯ ޕްލާންޓްސްތަކުގެ ތެރެއިންވެސް ވައި ސާފުކޮށްދޭ ގަސްތަކަށް އާއްމުންގެ މެދުގައި އޮންނަ މަޤްބޫލްކަން ބޮޑެވެ. ކުރިން ރާއްޖެއަށް ގަސް އެތެރެކުރަމުން ދަނީ ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު ނުވަތަ ކޮންމެ 3 ހަފްތާއަކުން އެއްފަހަރު ކަމުގައިވީ ނަމަވެސް މިހާރު ކޮންމެ ހަފްތާއަކު ރާއްޖެއަށް ގަސް އެތެރެކުރަން ޖެހޭކަމަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގަހުގެ ވިޔަފާރިކުރާ ފަރާތްތަކުން ބުނެއެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ގަސް އެތެރެކުރަނީ ހޮލެންޑުންނެވެ. ސްރީލަންކާ ފަދަ ޤައުމުތަކުންވެސް ކޮންމެވެސް ވަރަކަށް ރާއްޖެއަށް ގަސް އެތެރެކުރެއެވެ. ގޭގައި ގަސް ހައްދާ މީހުންގެ އަދަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުވެފައިވާއިރު، ގަސް ހޯދުމުގައިވެސް ކޮންމެވެސް ވަރެއްގެ ދަތިކަމެއް ހުރިކަން ވިޔަފާރިވެރިން ފާހަގަކުރެއެވެ.
ގަސް ހައްދާ މީހުންގެ އަދަދު އިތުރުވުމާއެކު، ވައިބަރގައިވެސް މިހާރުވަނީ ގަސް ވިއްކާ އަދި ގަސް ގަންނަ ފަރާތްތަކަށް ޚާއްސަ ކޮމިއުނިޓީތައް އުފެދިފައެވެެ. ކޯވިޑް-19އާއެކު ގަސް ވިއްކާ ފިހާރަތައް ހިންގާ ފަރާތްތަކުންވެސް ވަނީ އެ ފިހާރަތަކަށް ޙާއްސަ ކޮމިއުނިޓީތައް ހަދާފައެެވެ. މިކަމުގެ ސަބަބުން ގަސް ގަންނަ ފަރާތްތަކަށް ވިޔަފާރި ކުރުމުގައި ފަސޭހަވެގެންދާނެއެވެ.
ފުރަބަންދާއެކު ގަސް ހައްދަން ފެށި ފަރާތްތަކުން ހާމަކުރާގޮތުގައި ގަސް ހެއްދުމަކީ ފޫހި ފިލާ ކަމެކެވެ. ގަހަށް ބޮޑު ސަމާލުކަމެއްދީ ތަފާތު ވައްތަރުގެ ގަސްތައް ގެންގުޅެން ބޭނުންވާ ކަމަށާއި މިކަމަކީ ކޮންމެވެސް ވަރަކަށް ދެވި ހިފާ ކަމެއްގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.