ވިޔަފާރި

ކޯވިޑަށްފަހު އިންޑިއާ ފަތުރުވެރިން އެންމެ އަންނަން ބޭނުންވަނީ ރާއްޖެއަށް


ކޯވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްވުމުން އިންޑިއާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބަޔަކު ޗުއްޓީ ހޭދަކޮށްލުމަށް އަންނަން ބޭނުންވަނީ ރާއްޖެއަށްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިންޑިއާގެ މަޝްހޫރު ޓްރެވަލް-ޓެކް ކުންފުނި 'ޕިކްޔޯޓްރެއިލް'އިން ކުރިއަށްގެންދިޔަ ދިރާސާގައި ވަނީ 2500 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެފައެެވެ.

އިންޑިއާގައި ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ސާވޭގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން 52 އިންސައްތަ މީހުން އުއްމީދުކުރަނީ މިއަހަރުގެ ޑިސެމްބަރުމަސް ނިމުމުގެ ކުރިން ޗުއްޓީއަށް ދެވޭނެ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ގޮތުން ޗުއްޓީއަށް ތަންތަނަށް ދިއުމުގައި ސީދާ ދަތުރުތައް ކުރެވޭނެ ފްލައިޓުތައް ހިޔާރު ކުރުމާއި، އަމިއްލައަށް ކާރުގައި ދުއްވާފައިދެވޭނެ ފަދަ މަންޒިލްތަކަށް ދިޔުމަށް ގިނަ ބަޔަކު އިސްކަންދެއެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ބޭނުންވަނީ ޤައުމުން ބޭރަށް ޗުއްޓީއަކަށް ދާނަމަ ރާއްޖެއަށް ދިޔުމަށެވެ. އަދި އިންޑިއާގެ އެތެރޭގައި ޗުއްޓީއަކަށް ދާނަމަ، ކެރެލާ އާއި ގޯއާއަށް ދިޔުމަށް ގިނަ ބަޔަކު ބޭނުންވެއެވެ.

މީގެކުރިން ކޮންޑެނާސްޓް ޓްރެވަލަރސް އިން ކުރިއަށް ގެންދިޔަ ސަރވޭއަކުންވެސް ވަނީ އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށްއަށް ޗުއްޓީއަށް އައުމަށް ބޭނުންވާކަން ހާމަވެފައެވެ. އެގޮތުން އެ ދިރާސާއން އެނގުނު ގޮތުގައި އެޤައުމުގެ ބޯޑަރުތައް ހުޅުވާލުމުން ފަތުރުވެރިން ދަތުރުކުރަން ބޭނުންވަނީ ކޯޑިވް19ގެ ނުރައްކާ ކުޑަ ސަރަހައްދުތަކަށެވެ. އެގޮތުން މިލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ ރާއްޖެއެވެ. ސަރވޭގައި ބައިވެރިވި %38 މީހުން ވަނީ ރާއްޖެ އިހްތިޔާރުކޮށްފައެވެ.

އެ ޤައުމުގެ ގިނަ އަދަދެއްގެ ފަތުރުވެރިން މިހާރު ދަތުރުކުރަން ބޭނުންވަނީ ޕްރައިވެޓްކޮށްކަމަށް ސަރވޭގައި ވަނީ ބުނެފައެވެ. މީގެ މައިގަނޑު ސަބަބަކީ މިހާލަތުގައި އެގޮތް ރައްކާތެރިވުމާއި، އެއަރޕޯޓްގެ ދިގު ކިޔޫތަކުގައި މަޑުނުކޮށް ގިނަ މީހުންނާއި ބައްދަލުނުވެ ދަތުރުކުރުމަށްކަމަށް ކޮންޑެނާސްޓް ޓްރެވަލަރސްގެ ސަރވޭއިން ހާމަވެގެންދިިޔައެވެ.

އިންޑިއާ ހިމެނެނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް މަންޒިލްގެ ތެރޭގައެވެ. މިއަހަރުގެ އެޕްރީލްމަހާއި ހަމައަށް އިންޑިއާއަކީ ރާއްޖެއަށް 2 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މަންޒިލެވެ. މިމުއްދަތުގައި އިންޑިއާއިން ރާއްޖެއަށް 34862 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.