ވިޔަފާރި

ގުޅިފަޅު މަޝްރޫޢަށް ޙާއްސަ ވެބްސައިޓެއް ތަޢާރަފްކޮށްފި


ގުޅިފަޅު ހިއްކުމަށް ކުރިއަށްގެންދާ މަޝްރޫޢާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ވެބްސައިޓެއް ތަޢާރަފްކޮށްފިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ލޯންޗުކުރި މިވެބްސައިޓުން ގުޅިފަޅު ހިއްކުމާ ގުޅޭ އެންމެފަހުގެ މަޢުލޫމާތުތައް ހިއްސާކުރާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މަޝްރޫޢު ކުރިއަށްދާ މިންވަރާއި ތިމާވެއްޓަށް ކުރާ އަސަރުތައް މޮނިޓަރކުރުމުގެ އިތުރުން، ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމަށް ކުރާ މަސައްކަތްތަކާބެހޭ ތަފްސީލް ވެބްސައިޓުން ލިބޭނެއެވެ. އަދި މަޝްރޫޢާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ވެބްސައިޓް މެދުވެރިކޮށް އެކަންވެސް ކުރެވޭނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ގުޅިފަޅުގައި ވިޔަފާރި ބަނދަރެއް ޤާއިމްކުރުމުގެ މަސައްކަތަކީ މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމަޝްރޫޢު ހިންގުމަށް ގުޅިފަޅުން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާގޮތުން ގުޅިފަޅު މަޝްރޫޢަށް 300 މިލިއަނެއްހާ ޑޮލަރު ހޭދަވާނެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ މަސައްކަތްތައް ގުޅިފަޅަށް ބަދަލުވެގެންދާއިރު ރާއްޖޭގެ ކޮމާޝަލް ބަނދަރުގެ ޚިދުމަތް، އިންޤިލާބީ ހަރުފަތަކަށް ދާނެކަމަށް ތަޖުރިބާކާރުން ދެކެއެވެ. މިގޮތުން ބަނދަރުކުރެވޭ ބޯޓުތަކުގެ އިތުރުވެ، މުދާ ބޭލުމަށް ހޭދަވާ ވަގުތުވެސް ކުޑަވެގެންދާނެއެވެ. އަދި މާލެ ތެރޭގައި މުދާ ގުދަންކުރުން ނިމުމަކަށް އައިސް، މާލޭ އުތުރު ފަރާތު ބަނދަރަށް ދިމާވެފައިވާ ތޮށްޖެހުންވެސް ކުޑަވެގެންދާނެކަމަށް ތަޖުރިބާކާރުން ޤަބޫލުކުރައްވައެވެ.