ވިޔަފާރި

އެމްޓީސީސީގެ ޚިދުމަތްތައް ބައިނަލްއަޤްވާމީ ފެންވަރަށް ސެޓިފައިކޮށްފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ޚިދުމަތްތައް ބައިނަލްއަޤްވާމީ ފެންވަރަށް ސެޓިފައިކޮށްފިއެވެ.

އެމްޓީސީސީން ބުނީ އެކުންފުނިން އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސެޓިފިކޭޝަން ހާސިލްކޮށްފައިވާކަމަށެވެ. އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން، އައިއެސްއޯގެ 9001:2015 ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެވެ. މިސިސްޓަމަށް އެމްޓީސީސީ ސެޓިފައިކޮށްދީފައި ވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު އެސްޖީއެސްއިންކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އެ ކުންފުންޏަކީ އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސެޓިފައިކޮށްފައިވާ ދިވެހި މަދު ކުންފުނިތަކުގެ ތެރެއިން، ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް ސެޓިފައި ކުރެވުނު ކުންފުންޏެއްކަމަށެވެ. އެގޮތުން ކުންފުނީގެ ސިވިލް ކޮންސްޓްރަކްޝަން ޚިދުމަތް، ޓްރާންސްޕޯޓް ޚިދުމަތް، ލޮޖިސްޓިކް ޚިދުމަތް، އިންޖީން ސްޕެއަރ ޕާޓް އަދި އިކުއިޕްމަންޓް ވިއްކުމާ ޑިސްޓިރިބިއުޓް ކުރުން، ފަޅު ފުންކުރުމާއި ބިންހިއްކުމުގެ ޚިދުމަތް އަދި އިންޖިނިއަރިންގ އާއި ޑޮކިންގގެ ޚިދުމަތް ސެޓިފައިކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީއަށް ލިބުނު ކާމިޔާބީއާ ގުޅިގެން އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއީ އެކުންފުންޏަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެއްކަމަށާއި މިކަމުގެ ސަބަބުން ކުންފުންޏަށް އޮތް އިތުބާރު ބޮޑުވެގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މަސައްކަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ސެޓިފިކޭޝަން ދެމެހެއްޓުމަށް މަސައްކަތްކުރާނޭކަމަށް އާޒިމް ވިދާޅުވިއެވެ.

"މިއީ އެމްޓީސީސީއަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެއް. އެމްޓީސީސީން އައިއެސްއޯ 9001:2015 ހާސިލްކުރުމަކީ، މިކުންފުނީގެ ވިޔަފާރީގެ އެންމެހާ ދާއިރާތަކުން ރައްޔިތުންނާއި ކަސްޓަމަރުންނަށް ފޯރިކޯށްދެވޭ ޚިދުމަތުގެ ފެންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށާއި، ރިސްކުތަށް މެނޭޖްކޮށް، ކަސްޓަމަރުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު އިތުރުކުރުމަށް ކެނޑިނޭޅި ކުރެވެމުންދާ މަސައްކަތުގެ ހެއްކެއް. މިއީ އަދި ފެށުމެއް، ދެންއޮތް މަރުހަލާއަކީ ކުންފުނީގެ މަސައްކަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް މި ސަރޓިފިކޭޝަން ދެމެހެއްޓުން" ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ޚިދުމަތްތައް ބައިނަލްއަޤްވާމީ ފެންވަރަށް ސެޓިފައިކޮށްފައިވާއިރު، އެކުންފުނިން ދަނީ މިއަހަރު ގިނަ މަސައްކަތްތަކެއްކޮށް، ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން އެމްޓީސީސީގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެމްޓީސީސީއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 248 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އަދި ފައިދާގެ ގޮތުގައި ވަނީ 15 މިލިއަން ރުފިޔާ ލިބިފައެވެ.

2 ވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 248 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އޭގެ ތެރެއިން ކޮންޓްރެކްޓިންގ މަސައްކަތުން 176 މިލިއަން ރުފިޔާ ވަނީ ލިބިފައި. މީގެއިތުރުން ޓްރޭޑިންއިން 21 މިލިއަން ރުފިޔާ ލިބިފައިވާއިރު، ބިން ހިއްކުމުން 41 މިލިއަން ރުފިޔާ އަދި ޓްރާންސްޕޯޓް ވިޔަފާރިން 8 މިލިއަން ރުފިޔާ އެމްޓީސީސީއަށް ލިބިފައިވޭ. އަދި މިދިޔަ ކުއާޓަރުގައި އެމްޓީސީސީން 75 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގޮސްފައިވާއިރު، 14 މަޝްރޫޢެއްގެ މަސައްކަތް އެމްޓީސީސީން ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.