ކުޅިވަރު

މެޗެއްގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލު ނުކުރަން ޕްރިމިއާ ލީގުން ނިންމައިފި


މެޗެއްގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދު އަންނަ ސީޒަންގައި ދޫކޮށްލަން އިނގިރޭސި ޕްރިމިއާ ލީގުން ނިންމައިފިއެވެ.

ޕްރިމިއާ ލީގުން މިގޮތަށް ނިންމީ ލީގުގައި ވާދަކުރާ ގިނަ ކުލަބުތަކެއް އެގޮތަށް ޑިމާންޑު ކުރުމުންނެވެ. މެޗެއްގައި ފަސް ބަދަލުގެންނަން ކުލަބުތަކުން ދެކޮޅުހަދާ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑެތި ޓީމުތަކަށް އެކަމުން ފައިދާކުރާތީއެވެ. އެގޮން ބައެއް ކުލަބުތަކުގެ ބެންޗުގައި ގިނަ މޮޅެރި ކުޅުންތެރިން ތިބޭނަމަ މެޗުގައި ފަސް ބަދަލުކޮށްގެން އެކުލަބުތަކަށް މެޗު ކާމިޔާބުކުރަން އިތުރަށް ފަސޭހަވާކަމަށް ޕްރިމިއާ ލީގުގެ ޓީމުތަކުން ބުނެއެވެ.

ޕްރިމިއާ ލީގުން މިގޮތަށް ނިންމީ އިންޓަނޭޝަނަލް ފޫޓްބޯލާސް އެސޯސިއޭޝަންގެ ބޯޑުން، އަންނަ ސީޒަންގައިވެސް މެޗެއްގައި ފަސް ބަދަލުކޮށްގެން ކުޅުމުގެ ހުއްދަ ދީފައިވަނިކޮށެވެ. މެޗެއްގައި ފަސް ބަދަލު ގެނެވޭގޮތަށް ގަވާއިދަށް ގެނައި ބަދަލަކީ ވަގުތީ ނިންމުމެކެވެ. އެގޮތަށް ގަވާއިދަށް ބަދަލުގެނައީ، ކޯވިޑް-19ގެ ސަބަބުން ލީގުތަށް މެދުކަނޑާލުމަށްފަހު އަލުން ފަށައިގެން ކައިރި ކައިރީގައި މެޗުތަށް ކުޅެން ޖެހުމުގެ ސަބަބުންނެވެ. އަދި އަންނަ ސީޒަންގައިވެސް މިގަވާއިދަށް އަމަލުކުރަން އައިއެފްއޭއިން ހުއްދަދިނީ ބޮޑެތި ލީގުތަކުން މިކަމަށް ތާއީދުކުރުމުންނެވެ.

ޕްރިމިއާ ލީގުގެ މިނިންމުމާއިއެކު ސެޕްޓެމްބަރު 12ގައި ފަށް ޕްރިމިއާ ލީގުގެ އައު ސީޒަންގައި ކޮންމެ މެޗެއްގައި ބެންވަށް ނަގާނީ ހަތް ކުޅުންތެރިންނެވެ. އަދި މެޗުތެރޭގައި ގެނެވޭނީ ކުރިއެކޭވެސް އެއްގޮތަށް ތިން ބަދަލެވެ.