ކުޅިވަރު

ބޭނުންވާ ގޮތައް ކުޅުވަން އުނދަގޫތަކެއް އެބަހުރި - އިންމަ




ޓީމު ލައްވާ ކުޅުވަން ބޭނުންވާ ވައްޓަފާޅިއަށް ޓީމު
ހޭނެން އުނދަގޫތަކެއް އެބަހުރިކަމަށް ކޯޗް އިސްމާއިލް މަހުފޫޒް ބުނެފި.


އަންނަ މަހުގެ އަށްވަނަ ދުވަހު ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި ޗައިނާޔާ ބައްދަލްކުރާ މެޗަށް ތައްޔާރުވުމަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް ކޭމްޕް ކުރަމުން ދަނީ ފިލިޕީންސްގައެވެ. ކޭމްޕް ކުރުމަށް ފިލިޕީންސްއަށް ފުރުމުގެ ކުރިންވެސް މަހުފޫޒް ބުނެފައިވަނީ މި ކޭމްޕްގައި އެންމެ ބޮޑަށް ބަލާނީ ޗައިނާ މެޗަށް ޓެކްޓިކަލީ ޓީމް ތައްޔާރުކުރަންކަމަށެވެ.


ޓީމަށް މިއަހަރު ކޯޗްކޮށްދެމުންދިޔަ ބަލްގޭރިއާގެ ވެލިޒަރ ޕޮޕޯވް ޓީމާއި ވަކިވެފައިވަނީ ވަރަށް
ފަހުންނެވެ. އެޔަށްފަހު ޓީމާ ވަގުތީގޮތުން ހަވާލުވީ އެސިސްޓެންޓް ކޯޗް އިސްމާއިލް މަޙްފޫޒެވެ.
މަހުފޫޒް ބުނީ ޕޮޕޯވްގެ
އިރުޝާދުގެ ދަށުން ޓީމު ކުރިން ކުޅުނު ގޮތް ގޯސް ނޫންކަމަށާ
އެކަމަކު އެކި މީހުންގެ ވިސްނުން ތަފާތުވާނެކަމަށާ އެކި ކޯޗުން
ވިސްނާނީ އެކި ގޮތަށްކަމަށެވެ.

ފިލިޕީސްގައި ކުޅުނު
ފުރަތަމަ މެޗުގައި މިދިޔަ ހޮނިހިރު ދުވަހު އެ ޤައުމުގެ އެއްވަނަ ޑިވިޜަން
ޓީމެއްކަމަށްވާ ސްޓެލިއޮން އެފްސީއެކު ކުޅުނު މެޗް ނިމުނީ ދޭއް ދޭކުން
އެއްވަރުވެގެންނެވެ. މަހުފޫޒް ބުނީ އެ މެޗުގައިވެސް ކޯޗް ބޭނުންވާ ގޮތަށް ކުޅުމަށް
ކުޅުންތެރިން ވަރަށް މަސައްކަތްކުރިކަމަށެވެ.ފިލިޕީންސްގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި
ބައްދަލްކުރާނީ އެ ޤައުމުގެ ޤައުމީ ޓީމާއެވެ. މި މެޗް ކުޅޭނީ އަންނަ އަންގާރަ ދުވަހު
ރާއްޖެ ގަޑިން ހަތަރެއް ޖަހާއިރުއެވެ.