ވިޔަފާރި

މޫލީއަށް 1 އަހަރު - ކާމިޔާބުކަމާއެކު 10 ހާސް ޑެލިވަރީ


އުރީދޫ މޯލްޑީވްސްގެ އީކޮމާރސް ޕްލެޓްފޯރމް، މޫލީއަށް އެއް އަހަރު ފުރުނުއިރު، އެތައް ހާސް ޑެލިވަރީއެއް ކާމިޔާބުކަމާއެކު ފޯރުކޮށްދީފައިވާކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފިއެވެ.

"މޫލީ" މިޕްލެޓްފޯމަކީ ވިޔަފާރީގެ މުޢާމަލާތްތައް ޑިޖިޓަލައިޒްކޮށް، ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުރީދޫއިން އެކުލަވާލާފައިވާ ޕްލެޓްފޯމެކެވެ.

ވިޔަފާރީގެ މުޢާމަލާތްތައް ޑިޖިޓަލްކުރުމަށް އުރީދޫއިން "މޫލީ"ގެ ނަމުގައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފްކުރީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 7 ވަނަ ދުވަހުއެވެ. ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް، "މޫލީ" ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

މިއީ ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ކުންފުންޏަކުން މިފަދަ ޚިދުމަތެއް ތަޢާރަފްކުރި ފުރަތަމަ ފަހަރެވެ. އުރީދޫއިން ބުނީ ރާއްޖެއަށް ފުރަތަމަ ފަހަރަށް، މުޅިން ތަފާތު އީ-ކޮމާސް ބާޒާރެއްގެ ގޮތުގައި ތައާރަފްކުރެވުނު މޫލީ މެދުވެރިކޮށް، މިހާރުވެސް 10000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދީފައިވާކަމަށެވެ. އަދި މި ޕްލެޓްފޯރމް މެދުވެރިކޮށް 14 ކެޓެގަރީއަކުން، މަގުބޫލުކަން ހޯދާފައިވާ 36 ކުންފުންޏެއްގެ ކޮލީޓި އެތައް އުފެއްދުމެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ވިޔަފާރިކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ވަނީ ފަހިވެފައެވެ. މީގެ ތެރޭގައި، އިލެކްޓްރޯނިކް ސާމާނު، ގެޔަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނު، ފޮތާއި ސްޓޭޝަނަރީ، ގޭމިންގް ޕްރޮޑަކްޓްސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިވެސް ހިމެނެއެވެ.

މޫލީ ޕްލެޓްފޯރމްގެ މިކާމިޔާބުގެ އުފަލުގައި ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ޚާއްޞަ ހަރަކާތްތަކެއް މުޅި އޯގަސްޓްމަހު ކުރިޔަށްގެންދާނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، ކަސްޓަމަރުންނާއި ގާތް ގުޅުމެއް އުފައްދާ ޕަރސަނަލައިޒްޑް ޚިދުމަތެއް ދިނުމަކީ މޫލީގެ އެންމެ މުހިންމު މަގްސަދުކަމަށެވެ. އެގޮތުގެ މަތިން، މުޅި ދުނިޔެ ކުރިމަތިލަމުންދާ ކޯވިޑް 19 ޕެންޑެމިކް އާއި ގުޅިގެން ސަރުކާރުން އިއުލާނުކުރި ފުރަބަންދުގެ ތެރޭގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުންނާއި، ކަސްޓަމަރުން ރައްކާތެރިކަމާއެކު ގޭގައި ތިއްބަވައިގެން ވިޔަފާރިކުރުމަށް ފުރުޞަތު ފުޅާކޮށްދިނުމުގެ ގޮތުން، އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކާއި ގުޅިގެން މޫލީ މެދުވެރިކޮށް ޑެލިވެރީގެ ޚިދުމަތް ފޯރުކޮށްދީފައިވާކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ ފުޅާވަމުން އަންނަ އީ-ކޮމަރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް މޫލީން ފޯރުކޮށްދޭކަމަށެވެ. މި ޕްލެޓްފޯމްގެ ޚާއްޞަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއިއެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެ، ހިލޭ ވެއަރހައުސް ޚިދުމަތާއި ޑެލިވަރީ ޚިދުމަތް ލިބުންކަމަށް އުރީދޫއިން ބުނެއެވެ.

މޫލީގެ ޚިދުމަތް ލިބޭނީ އުރީދޫގެ "މައި އުރީދޫ" އެޕުންނެވެ. މިޚިދުމަތް ހޯދުމަށް މިއެޕަށްލޮގިން ކުރެއްވުމަށްފަހު ފޯން ނަމްބަރު ޖެހުމާއެކު މޫލީއަށް ލޮގިން ވެވޭނެއެވެ. އަދި އެއަށްފަހު މޫލީއިން ލިބެން ހުރި ތަފާތު ސާމާނުތައް ބަލާލެވޭނެއެވެ.

މޫލީގެ މިޚިދުމަތް މަސައްކަތްކުރާނީ "އެމެޒޮން" "އަލީ އެކްސްޕްރެސް" "އީބޭ" ފަދަ ނެޓްވޯކްތައް މަސައްކަތްކުރާ ގޮތަށެވެ. އުރީދޫއިން ބުނީ މޫލީ މެދުވެރިކޮށް ގަންނަ ތަކެއްޗަށް "އުރީދޫ އެމް-ފައިސާ" އަދި ޑެބިޓް ނުވަތަ ކްރެޑިޓް ކާޑުން ފައިސާ ދެއްކޭނެކަމަށެވެ. އަދި ކަސްޓަމަރުން ގަންނަ ތަކެތި އޯޑަރުކުރާތާ އެންމެ މަދުވެގެން 3 ދުވަސްތެރޭ ޑެލިވަރީކޮށްދެވޭނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްއަށް ފާއިތުވެދިޔަ އަހަރުތަކުގައި ބޮޑެތި ކާމިޔާބީތަށް ލިބިފައިވާއިރު އުރީދޫއިން ދަނީ އެކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް އައު ޚިދުމަތްތައް ތަޢާރަފްކުރުމުގެ މަސައްކަތްކުރަމުންނެވެ.