ވިޔަފާރި

ފުރަތަމަ ކުއާޓަރުގައި ޖީޑީޕީ 5.9 އިންސައްތަ ދަށަށް


މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން 5.9 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިކަން ހާމަކޮށްފައިވަނީ، އެއިދާރާއިން ނެރެފައިވާ މިއަހަރުގެ 2 ވަނަ ކުއާޓަރުގެ ނެޝަނަލް އެކައުންޓްސް ރިޕޯޓުގައެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ ރިޕޯޓުގައިވާ ގޮތުން 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ޖީޑީޕީ ނުވަތަ ޤައުމީ އުފެއްދުންތެރިކަން ވަނީ 5.9 އިންސައްތަ ދަށަށް ގޮސްފައެވެ.

ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން ދަށަށް ދިޔައީ ފަތުރުވެރިކަމުގެ ސިނާއަތާއި އިމާރާތްކުރުމުގެ ސިނާއަތް އަދި ހޯލްސޭލްއާއި ރީޓެއިލް ވިޔަފާރީގެ ސިނާޢަތަށް ކުރިމަތިވި ހީނަރުކަމުގެ ސަބަބުންކަމަށް ރިޕޯޓުގައިވެއެވެ. މިގޮތުން ފަތުރުވެރިކަމުގެ ސިނާޢަތް 2.7 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ޢިމާރަތްކުރުމުގެ ސިނާއަތް 1.4 އިންސައްތަ ދަށަށް ގޮސްފައިވެއެވެ. އަދި ހޯލްސޭލްއާއި ރީޓެއިލް ވިޔަފާރީގެ ސިނާޢަތް 1 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް މި ރިޕޯޓުގައިވެއެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ ރިޕޯޓުގައިވާ ގޮތުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގައި އާއްމު ގޮތެއްގައި ކޮންމެ އަހަރެއްގެވެސް ފުރަތަމަ ކުއާޓަރާއި 4 ވަނަ ކުއާޓަރަކީ ޖީޑީޕީއަށް ކުރިއެރުންތަކެއް އަންނަ ކުއާޓަރުތަކެއްކަމަށެވެ. އަދި ދެވަނަ ކުއާޓަރު ދަށްކޮށް ގޮސް، 3 ވަނަ ކުއާޓަރުގައި އަނެއްކާވެސް އިޤްތިޞާދު ރަނގަޅުވާން ފަށާކަމަށް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން ފުރަތަމަ ކުއާޓަރުގައިވެސް ޖީޑީޕީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމެވެ. އެގޮތުން ޖީޑީޕީގެ 26 އިންސައްތަ ފަތުރުވެރިކަން ހިއްސާކުރާއިރު، ޓްރާންސްޕޯޓާއި ކޮމިއުނިކޭޝަން ދާއިރާ 13.4 އިންސައްތަ ހިއްސާކުރެއެވެ. ޕަބްލިކް އެޑްމިނިސްޓްރޭޝަން 8.7 އިންސައްތަ ހިއްސާކުރާއިރު، ރިއަލް އެސްޓޭޓް ވިޔަފާރި 6.6 އިންސައްތަ ހިއްސާކުރެއެވެ. ރީޓެއިލް އަދި ހޯލް ސޭލް ވިޔަފާރީގެ ހިއްސާއަކީ 6.4 އިންސައްތައެވެ.