ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް އަލުން ހުޅުވާލިފަހުން މިހާތަނަށް ފަތުރުވެރިންނާއެކު ވީއައިއޭއަށް 30 ޕްރައިވެޓް ޖެޓު އަދި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 9 ޖެޓު ޖައްސައިފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭ މެނޭޖުކުރާ އެމްއޭސީލުން ހާމަކުރާގޮތުގައި މި އަދަދަކީ އެހެން އަހަރުތަކުގެ މި މުއްދަތާއި އަޅާ ބަލާއިރު މަދު އަދަދެކެވެ. އެހެން ނަމަވެސް އަހަރުގެ ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން އަށްވުމުން ގިނަ އަދަދެއްގެ ޕްރައިވެޓު ޖެޓުތައް ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއޭސީއެލުން ހާމަކުރެއެވެ.
ކޮންމެ އަހަރެއްގެވެސް އާ އަހަރާ ދިމާކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަރަށްބޮޑަށް އިތުރުވެގެންދެއެވެ. އެގޮތުން ބައެއް ދުވަސްތަކުގައި 15 ޖެޓްވެސް ޖައްސާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން ރާއްޖޭގައި ޕްރައިވެޓު ޖެޓުތައް ދެން ޖައްސާ އެއަރޕޯޓަކީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓެވެ. މިދިޔަ އަހަރު ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެނޭޖްކުރާ އައިލެންޑު އޭވިއޭޝަނުން ހާމަކުރާގޮތުގައި ޖުލައިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 9 ޕްރައިވެޓު ޖެޓު އެއަރޕޯޓަށް ޖައްސާފައިވާ ކަމަށާއި، މި ޖެޓުތަކުގައި ރާއްޖެއަށް 89 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށެވެ.
ސަރުކާރުން މާފަރު އެއާޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737ގެ ބޯޓުފަހަރުތައްވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައި ވަނީ މާފަރު އެއާޕޯޓުގައެވެ.
މާފަރު އާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 2200 މީޓަރެވެ. ވިލާގުރޫޕުން ހަދާފައިވާ މާމިގިލީ އެއާޕޯޓުގެ ރަންވޭގެ ދިގުމިނަކީ 1800 މީޓަރެވެ. ރާއްޖޭގައި އެންމެ ދިގުރަންވޭ އެއް އޮންނަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 3600 މީޓަރެވެ.
މާފަރު އެއާޕޯޓަކީ ސީދާ އިންޓަރނޭޝަނަލް ދަތުރުތަކަށް އަމާޒުކޮށްކޮށްގެން ވަސީލަތްތައް ތަރައްޤީކޮށްފައިވާ އެއާޕޯޓެކެވެ.