ކުޅިވަރު

ޖޯޑަން ސަންޗޯ ޑޯޓްމުންޑްގައި ބަހައްޓަން އެކުލަބުން ނިންމައިފި


ކުރިއަށްއޮތް ސީޒަންގައިވެސް ޖޭޑަން ސަންޗޯ ޑޯޓްމުންޑްގައި ބަހައްޓަން ކުލަބުން ނިންމާފައިވާ ކަމަށާއި، އޭނާ އެހެން ކުލަބަކަށް ބަދަލުނުވާނެކަމަށް ބޮރޫޝިއާ ޑޯޓްމުންޑުގެ ސްޕޯޓިން ޑިރެކްޓަރ މައިކަލް ޒޯރޗް ބުނެފިއެވެ.

މައިކަލް ޒޯޗް މިހެން ބުނެފައި މިވަނީ އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ސަންޗޯ ހޯދުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޔުނައިޓެޑަށް ޑޯޓްމުންޑާއިއެކު އެއްބަސްވުމަކަށް ނާދެވިފައި އޮތީ ޑޯޓްމުންޑުން ހުށައަޅާ އަގު ޔުނައިޓެޑަށް ބޮޑުވުމުންނެވެ. ޑޯޓްމުންޑުން އޭނާ ވިއްކާލަން ބޭނުންވަނީ 108 މިލިއަން ޕައުންޑަށެވެ. ނަމަވެސް ޔުނައިޓެޑުން ދެކޭގޮތުގައި މީގެ ތިން އަހަރު ކުރިން އެންމެ 7.2 މިލިއަން ޕައުންޑަށް ޑޯޓްމުންޑަށް ގެނައި ސަންޗޯއަށް 108 މިލިއަން ޕައުންޑަކީ ހޭދަކުރަން ބޮޑު އަގެކެވެ.

ދާދިފަހުން ޑޯޓްމުންޑުން ވަނީ ސަންޗޯ ހޯދުމަށް ބޭނުންވާ ކުލަބަތަކަށް އެއްބަސްވުމަކަށް އައުމަށް ހަތް ދުވަހުގެ މުހުލަތެއް ދީފައެވެ. ޑޯޓްމުންޑުން ބުނީ މިގޮތަށް ވަކި މުހުލަތެއް ދިނީ ޕްރީ ސީޒަން ފަރިތަކުރުންތަށް ފެށުމުގެ ކުރިން ސަންޗޯ އާއިމެދު ގޮތެއް ނިންމަން އެކުލަބުން ބޭނުންވާތީ ކަމަށެވެ. އެ ހަތްދުވަހުގެ މުހުލަތު މިހާރު ވަނީ ހަމަވެފައެވެ. އަނެއްކޮޅުން އަންނަ ސީޒަނަށް ތައްޔާރުވުމަށް ޑޯޓްމުންޑުން ސްވިޒަލޭންޑުގައި ކޭމްޕް ކޮށްފައިވާއިރު ސަންޗޯވެސް ވަނީ ޓީމާއިއެކު ގޮސްފައެވެ.