ވިޔަފާރި

ބޮޑެތި ވިޔަފާރިތަކަށް 400 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފި


ކޯވިޑްއާ ގުޅިގެން ބޮޑެތި ވިޔަފާރިތަކަށް 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ކޯވިޑް19 ރިކަވަރީ ލޯން ސްކީމަކީ ކޯވިޑްއާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޮޑެތިވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ބީއެމްއެލްއިން ތަޢާރަފްކޮށްފައިވާ ލޯނު ސްކީމެކެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 335 ފަރާތަކަށް 486 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. އަދި 6.5 މިލިއަން ޑޮލަރުވެސް ބޮޑެތި ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސްގެ މިނިސްޓްރީން ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 552 ވިޔަފާރިއަކުން ލޯނަށް އެދި ހުށަހަޅާފައިވާކަމަށެވެ. އޭގެތެރެއިން 368 ވިޔަފާރިއަކަށް ލޯނު ދޫކުރުމަށް ނިންމާފައިވާއިރު، 42 ފަރާތަކަށް ލޯނު ދޫކުރުމާ މެދު ގޮތެއް ނިންމަމުންދާކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ލޯނަށް ހުށަހެޅި 15 ފަރާތެއްގެ ލޯނު ރިޖެކްޓްވެފައިވާއިރު، ލޯނަށް ހުށަހެޅި 127 ފަރާތެއްގެ ޝަރުތު ހަމަނުވާކަމަށްވެސް ފިނޭންސްއިން މަޢުލޫމާތުދެއެވެ.

ކޯވިޑް19 ރިކަވަރީ ލޯން ސްކީމްގެ ދަށުން ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން ރިސޯޓް ވިޔަފާރިތަކަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. އަދި ރިސޯޓް ނޫން ވިޔަފާރިތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ.