ވިޔަފާރި

ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢަކަށް އޭޑީބީން 1.1 ބިލިއަން ރުފިޔާ


ރާއްޖޭގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢެއް ހިންގުމަށް އޭޑީބީން 1.1 ބިލިއަން ރުފިޔާގެ ލޯނު އެހީއެއް ދިނުމަށް ނިންމައިފިއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބެންކު، އޭޑީބީން މަޢުލޫމާތުދޭ ގޮތުގައި ރާއްޖެއަށް 1.1 ބިލިއަން ރުފިޔާ ނުވަތަ 73.9 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމާފައިވަނީ މާލެ ސަރަޙައްދުގައި ކުނިން ހަކަތަ އުފައްދާ ވޭސްޓް ޓްރީޓްމަންޓް ފެސިލިޓީއެއް ޤާއިމްކުރުމުގެ މަސައްކަތަށެވެ. އެގޮތުން މިމަޝްރޫޢުގެ ދަށުން ޤާއިމްކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓަކީ ދުވާލަކު 500 ޓަނުގެ ކުނި މެނޭޖްކުރެވޭވަރުގެ ޕްލާންޓަކަށްވާއިރު، މި ޕްލާންޓް މެދުވެރިކޮށް 8 މެގަވޮޓްގެ ކަރަންޓް އުފައްދާނެއެވެ. މިޕްލާންޓްގެ ސަބަބުން ކުނި މެނޭޖްކުރުމަށް ބޭނުންވާ ޖާގަ ކުޑަވެ، ވައި ތަޣައްޔަރުވުން ކުޑަކޮށް، އިޔާދަކުރަނިނި ހަކަތަ އުފެއްދުމަށް ބޮޑު ފަސޭޙައެއް ވެގެންދާނެއެވެ.

މިޕްލާންޓް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ އަމިއްލަ ފަރާތަކާ ހަވާލުކޮށްގެންކަމަށްވާއިރު، އެފަރާތުން 15 އަހަރުދުވަހުގެ މުއްދަތަކަށް ޕްލާންޓްގެ މަސައްކަތް ބަލަހައްޓާނެއެވެ. މިމަޝްރޫޢުގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީއާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތައްވެސް ހަރުދަނާކުރުމަށް އެހީތެރިވެދޭނެއެވެ.

މިމަޝްރޫޢަށް ޖުމްލަ 151.13 މިލިއަން ޑޮލަރު ނުވަތަ 2.3 ބިލިއަން ރުފިޔާ ޚަރަދުވާއިރު، އޭޝިއަން އިންފްރާސްޓްރަކްޗަރ ބެންކުން 40 މިލިއަން ޑޮލަރު ނުވަތަ 616 މިލިއަން ރުފިޔާގެ ލޯނެއް ފޯރުކޮށްދޭނެއެވެ. އަދި "ޖަޕާނު ފަންޑު ފޮރ ދަ ޖޮއިންޓް ކްރެޑިޓިން މެކޭނިޒަމް" އިން ކުނިން ހަކަތަ އުފައްދާ ޕްލާންޓްގެ މަސައްކަތަށް 10 މިލިއަން ޑޮލަރު 154 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ފޯރުކޮށްދޭނެއެވެ. އަދި އޭޑީބީން ދޭ 73.9 މިލިއަން ޑޮލަރުގެ ތެރޭގައި 5 ލައްކަ ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދޭއިރު، އެ ފައިސާއަކީ އެންވަޔަރަމަންޓް މިނިސްޓްރީއާއި އީޕީއޭގެ ހިންގުން އިތުރަށް ވަރުގަދަކުރުމަށް ދޭ އެހީއެކެވެ. އަދި ދިވެހި ސަރުކާރުން މިމަޝްރޫޢަށް 27.74 މިލިއަން ޑޮލަރު ނުވަތަ 427 މިލިއަން ރުފިޔާ ޚަރަދުކުރާނެއެވެ.

މާލެ ސަރަޙައްދުގައި ގިނަ ރަށްތަކަކާއި ރިސޯޓްތަކެއް ހުންނައިރު، ތިލަފުށީގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 830 ޓަނުގެ ކުނި އެކި ތަންތަންތަނަށް ޖަމާކޮށް، ނުވަތަ އަންދާލަންޖެހެއެވެ. 1992 ވަނަ އަހަރުން ފެށިގެން ތިލަފުށްޓަށް ހަރުދަނާ ނިޒާމެއް ނެތި ކުނި ޖަމާކުރަމުންދާއިރު އެކަމުގެ ސަބަބުން ވައި ތަޣައްޔަރުވެ، ތިމާވެއްޓަށް ނޭދެވޭ އަސަރުތައް ދަނީ ކުރަމުންނެވެ. އޭގެ ސަބަބުން މަސްވެރިކަމާއި ފަތުރުވެރިކަމުގެ އިތުރުން، ރައްޔިތުންގެ އާއްމު ސިއްހަތަށްވެސް ގެއްލުންވަމުންދާކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް ކުނިން ހަކަތަ އުފައްދަން ފަށާ މަޝްރޫޢުގެ ދަށުން މިމައްސަލަތަކަށް ހައްލު ލިބޭނެކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.