ނިމިދިޔަ 2019 ވަނަ އަހަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ތާރީޚުގައިވެސް މާލީގޮތުން އެންމެ ކާމިޔާބު އެއްއަހަރު ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުގައި އެސްޓީއޯގެ ސާފު ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު ވަރަށްބޮޑުތަން އިތުރުވެފައިވެއެވެ. 2018 ވަނަ އަހަރު 14 މިލިއަން ރުފިޔާގެ ސާފު ފައިދާގެ ގޮތުގައި ލިބުނުއިރު، 2019 ވަނަ އަހަރުގެ ސާފު ފައިދާއަކީ 303 މިލިއަން ރުފިޔާއެވެ.
އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެސްޓީއޯއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 683 މިލިއަން ރުފިޔާވަނީ ލިބިފައެވެ. މިއީ 2018ވަނަ އަހަރާ އަޅާ ބަލާއިރު، 80 އިންސައްތަ އިތުރުއަދަދެެކެވެ.
މުޅި އެސް.ޓީ.އޯ ގްރޫޕްގެ ފައިދާވެސް ވަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފައެވެ. ނިމިދިޔަ 2019 ވަނަ އަހަރު އެސް.ޓީ.އޯ ގްރޫޕް ފައިދާގެ ގޮތުގައި 383 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރު ނިމުނު އިރު، އެސްޓީއޯ ގުރޫޕުގައި 9 ސަބްސިޑަރީ ކުންފުނި ހިމެނެއެވެ.
މި ކުންފުނިތަކުގެތެރެއިން މިދިޔަ އަހަރު އެންމެ ރަނގަޅު އާމްދަނީއެއް ހޯދާފައިވަނީ ފިއުލް ސަޕްލައި މޯލްޑިވްސް އިންނެވެ.
އެގޮތުން ތެޔޮ ވިއްކަގެން 6،458 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ 2018ވަނަ އަހަރާއި އަޅާ ބަލާއިރު 77 މިލިއަން ރުފިޔާގެ އިތުރުުވުމެކެވެ.
ދެން އެސްޓީއޯއަށް އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ ރާއްޖެއަށް މުދާ އެތެރެކޮށް، އޭގެ ވިޔަފާރިކުރުމުގެ ދާއިރާއިންނެވެ. ޓްރޭޑިންގ އިން 2،646 މިލިއަން ރުފިޔާގެ އާމްދަނީއެއް މިދިޔަ އަހަރު ލިބިފައިވެއެވެ. މަސްވެރިކަމުގެ ވިޔަފާރިން އެސްޓީއޯ މިދިޔަ އަހަރު 1،359 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ 2018ވަނަ އަހަރު ލިބުނު އާމްދަނީ އަޅާ ބަލާއިރު، 4 އިންސައްތަ އިތުރު އަދަދެކެވެ.
އިންޝުއަރެންސްގެ ޚިދުމަތް ދީގެން މިދިޔަ އަހަރު 210 މިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯއަށް ލިބިފައިވެއެވެ. އިންޝުއަރެންސްގެ ޚިދުމަތްދީގެން 2018ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 245 މިލިއަން ރުފިޔާއެވެ.
އެސްޓީއޯއިން ދަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ސިއްޙީ ސާމާނު އެތެރެކުރަމުންނެވެ. މިދާއިރާއިން ހުސްވި އަހަރު އެކުންފުނިންވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން މިދާއިރާއިން ލިބުނު އާމްދަނީވަނީ ބިލިއަނަކަށްވުރެ މައްޗަށް އަރާފައެވެ. މިއީ 2018ވަނަ އަހަރާއި އަޅާ ބަލާއިރު 7 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯއިން މިދިޔަ އަހަރު މާލީގޮތުން ހޯދާފައިވާ ކާމިޔާބާ ގުޅޭގޮތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ، މިފަދަ ކާމިޔާބެއް ލިބުނީ ކުންފުނީގެ ޚަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
އަމްރު ވަނީ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެެ. އަދި މިއަަހަރުތެރޭ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭނީ ކުންފުނީގެ މުވައްޒަފުންނަށް މިހާރު ދެމުންދާ އިނާޔަތްތައް މުރާޖާކޮށް، މުވައްޒަފުންނަށް އެންމެ ފައިދާކުރާނެ ފަދަ ގޮތަކަށް އިނާޔަތްތައް ހަމަޖެއްސުމަށް ކަމަށް އަމްރު ވިދާޅުވިއެވެ.