ވިޔަފާރި

ޝިޕިންގ އެޖެންސީގެ ޚިދުމަތްދޭ ކުންފުނިތައް ރަޖިސްޓްރީވާން ދިން މުއްދަތު އިތުރުކޮށްފި


ރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތްދޭ ކުންފުނިތައް ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު މިދިޔަމަހުގެ 16ވަނަ ދުވަހު ގެޒެޓް ކުރުމާއި ގުޅިގެން މިގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ގަވާއިދަށް ޢަމަލު ކުރަން ފަށާއިރު ޝިޕިން އޭޖެންސީގެ ޚިދުމަތްދޭ ކުންފުނިތައް ރަޖިސްޓަރީ ކުރުމަށްވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އެގޮތުން އެމުއްދަތު ހަމަވާ ތާރީޚަކީ މިމަހުގެ 16ވަނަ ދުވަހެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ ރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު ގެޒެޓް ކުރުމާއި ގުޅިގެން ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީ ޚިދުމަތްދޭ ކުންފުނިތައް ރަޖިސްޓްރީކުރުމަށް ދީފައިވާ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަަމަށެވެ.

ރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީނުކޮށް އެއްވެސް ފަރާތަކުން ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމަކީ މަނާކަމެއްކަމަށެވެ.

ޤަވާއިދު ކުރިން އޮންނަ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކަށް ޝިޕިން އެޖެންޓުންގެ ގޮތުގައި ވަކި ހާއްސަ ލައިސަންސަކާއި ނުލާ ހަރަކާތްތެރިވެވޭނެއެވެ. މިއީ ބައިނަލްއަޤްވާމީ ގޮތުން މިކަން އޮންނަ ގޮތެއް ނޫންކަމަށް ބުނެ ޝިޕިންގ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.