ރިޕޯޓް

ޕީޕީއެމް ކެމްޕެއިން ލީޑަރުން ތަމްރީންކުރާ މަހާސިންތާ ފަށައިފި




ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގަ ރައީސް ޔާމީންގެ ކެމްޕެއިނަށް ލީޑަރުން ތައްޔާރުކުރުމަށްޓަކައި ބާއްވާ މަހާސިންތާ ރޭ ފަށައިފިއެވެ. ބުރާސްފަތި ދުވަހުގެރޭ ތާޖުއްދީން ސްކޫލްގައި ފެށި މަހާސިންތާ ފަށްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު އަބްދުލް ގަފޫރުއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އިސްނެންގެވުމުގެ މަތިން ތާޖުއްދީން ސްކޫލްގައި ފެށި މިމަހާސިންތާގައި ރާއްޖޭގެ 12 ސަރަހައްދަކުން ތިންސަތޭކަ އަށާރަ މަންދޫބުން ބައިވެރިވެއެވެ. ތިން ބުރަކަށް ބަހާލައިގެން ކުރިއަށްދާ މަހާސިންތާގައި އެ މަންދޫބުންގެ  އިތުރުން 12 އަތޮޅު ތަމްސީލު ކުރާ 12 ކޯޑިނޭޓަރުން ވެސް ބައިވެރިވެއެވެ. މި މަހާސިންތާ ފަށްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ވިދާޅުވީ، ގައުމަށް އިގްތިޞާދީގޮތުން ފައިދާކުރާނީ ހަރުދަނާ ލީޑަރުން ހޮވައިގެންކަމަށެވެ. 

ނާއިބު ރައީސްގެ ވާހަކަފުޅުގައި ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނާއިބު ރައީސް ވިދާޅުވީ، ޕީޕީއެމް ތެރޭގައި ބައިބައިވުން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރިނަމަވެސް އެޕާޓީ އޮތީ ވަރަށް ބަދަހި ގުޅުމެއްގައިކަމަށެވެ. ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީވެސް ރައީސް މައުމޫނުގެ އިރުޝާދުގެ ދަށުންކަން ފާހަގަކުރައްވަމުން ނާއިބު ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުންވެސް ރީތި ގޮތުގައި ސަރުކާރާއި ވާދަކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ ވިދާޅުވީ، ކާބަފައިން ކޮށްފައިވާ މަސައްކަތްތައް އަގުކުރުމެއް ނެތި ވިއްކާލާ، ތަރައްގީގެ މަސައްކަތް ހުއްޓިފައިވަނިކޮށް އެކަމުން ސަލާމަތްކޮށްދެވީ ރައީސް ޔާމީން ކަމަށެވެ. އެމަނިކުފާނަކީ މިޖީލުގެ ބޮޑުތަކުރުފާނުގެ ގޮތުގައި އައްބާސް ވަނީ ސިފަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މަހާސިންތާ ފެށުމަށް ބޭއްވި މިރަސްމިއްޔާތު ނިންމާލީ  ޚާއްސަ ލަވައަކުންނެވެ. މިރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ދައުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.