ވިޔަފާރި

ކެޕޭސިޓީ އިތުރުކޮށް، 55 ހާސް ޓަނުގެ މަސް ގަތުމަކީ އަމާޒެއް- މިފްކޯ


މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް، މަސްވެރިންގެ އަތުން މިއަހަރު 55 ހާސް ޓަނުގެ މަސްގަތުމަކީ އަމާޒެއްކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ، މިދިޔަ އަހަރު މިފްކޯއަށް 48 ހާސް ޓަނުގެ މަސް ކިރާފައިވާއިރު، 900 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށެވެ. އަދި މިއަހަރު މިހާތަނަށް 18 ހާސް ޓަނުގެ މަސް ކިރުވާފައިވާއިރު، 500 މިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށްވެސް ފައުޒީ ވިދާޅުވިއެވެ. އަދި މިއަހަރުގެ އަމާޒަކީ މަސްވެރިންގެ އަތުން 55 ހާސް ޓަނުގެ މަސް ގަތުންކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މަސް ގަންނަ މިންވަރު އިތުރުކޮށް، މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދިނުމަށް މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށްވެސް ބޮޑެތި މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެމަސައްކަތް ނިންމާލެވޭއިރު މިފްކޯގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނޭކަމަށް ފައުޒީ ވިދާޅުވިއެވެ.

"ފްރީޒިންގ ކެޕޭސިޓީ 800 ޓަނަށް، ކަލެކްޝަން ކެޕޭސިޓީ 1000 ޓަނަށް ގެންނަން، ސްޓޯރޭޖް ކެޕޭސިޓީ 12000 ޓަނަށް ގެންނަން މަސައްކަތްކުރަނީ، ފެލިވަރުގައި މިހާރު ފެށިފައި އޮތް މަސައްކަތް ދާދި އަވަހަށް ނިންމާލެވޭނެ، ފެލިވަރަށް 200 ޓަން ބްރޭންޑް ފްރީޒިންގ، ސްޓޯރޭޖް ކެޕޭސިޓީ 4000 ޓަނަށް، ޕްރޮސެސް ފެސިލިޓީއެއް އެންހާސްކޮށް، 100 ޓަނާ ހަމައަށް ޕްރޮސެސް ކެޕޭސިޓީ ގެނައުމަށް މަސައްކަތްކުރަނީ، 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ" ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މިދުވަސްވަރު މަސްވެރިކަން ރަނގަޅުކަމަށާއި، އެކަމާ ގުޅިގެންވެސް މިފްކޯއިން ވާންޖެހޭ ތައްޔާރީތައްވަމުންދާކަމަށެވެ. ނަމަވެސް މިފްކޯއަށް ފައިސާ ލިބުމުގައި ހުރި ދަތިކަމުގެ ސަބަބުން މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ދިނުމަށް ދަތިތަކެއް ކުރިމަތިވާކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

"މަސް ގަންނަން ރަނގަޅު ކޭޝް ފްލޯއެއް ބޭނުންވޭ، ގިނަ ލޯނުތަކެއް ހުރުމުން، ބެންކުން އިތުރު ފައިސާއެއް ލިބޭނެ ގޮތެއް ނެތް، ކޮންމެ މަހަކު ބޭންކުތަކަށް 5.5 މިލިއަން ރުފިޔާ ދައްކަން. 2024 ވަނަ އަހަރާ ހަމައަށްދާންވާއިރަށް ހުރިހާ ލޯނުތަކެއް ދައްކާ ނިމޭނެ. މަސްވެރިންގެ އަތުން މަސް ގަންނަންވެސް ފަންޑެއް ޤާއިމްކުރާނަން، މަސް ދުވަހުގެ ތެރޭގައި ޖުމްލަ ހައްލެއް ލިބޭނެ މަސް ގަތުމުގެ ކަންކަމަށް" ފައުޒީ ވިދާޅުވިއެވެ.

ފައުޒީގެ ވާހަކަފުޅުގައި މިފްކޯގެ ތަރައްޤީއަށް މީގެކުރިން މާބޮޑު މަސައްކަތެއް ކުރެވިފައި ނެތްކަން ފާހަގަކުރެއްވިއެވެ. ނަމަވެސް ސަރުކާރުން މިހާރު ޕްލޭނަކާއެކު އެމަސައްކަތް ކުރަމުންދާކަމަށާއި، އެމަސައްކަތްތައް ނިންމުމުން، މަސްވެރިންނަށް މަސް ކިރުމަށާއި މަސް ގަތުމުގައި ދިމާވާ ދަތިތަކަށް ޖުމްލަ ހައްލެއް ލިބިގެންދާނެކަމަށް ފައުޒީ ވިދާޅުވިއެވެ.

މިފްކޯގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އިންޑިއާއިން ފޯރުކޮށްދޭ ލައިން އޮފް ކްރެޑިޓްގެ ދަށުން 15 މިލިއަން ޑޮލަރު ނުވަތަ 231 މިލިއަން ރުފިޔާ މިފްކޯގެ ތަރައްޤީއަށް ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ. މިމަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި، ޅ. ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި ސްޓޯރޭޖް ފެސިލިޓީ ޤާއިމްކޮށް 'ޓޫނާ ކުކްޑް ލޮއިންސް' ޕްލާންޓަކާއި 'ފިޝްމީލް' ޕްލާންޓެއް ގާއިމްކުރާނެއެވެ. އަދި ގދ. ގެމަނަފުށީގައި 50 މެޓްރިކް ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކޮށް، 100 މެޓްރިކް ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމްކުރާނެއެވެ.