ޚަބަރު

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިން މަދުކުރުމާއި ގުޅޭގޮތުން ޚިޔާލު ހޯދުމަށް ވެބިނާއެއް ބާއްވައިފި


އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ވަކި ބާވަތްތައް ރާއްޖޭގައި ބޭނުންކުރުން މަދުކުރުމާއި ހުއްޓާލުމަށް އެކުލަވާލާފައިވާ ޕްލޭނަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ވެބިނާ އެއް ބާއްވައިފިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކު މަދުކުރުމާއި ގުޅޭ ޕްލޭނަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން އެކުލަވާލާފައިވާ ޕްލޭނެކެވެ. މިޕްލޭންގެ ދަށުން ރާއްޖޭގައި ޤާއިމްކުރެވޭ ރީސައިކްލީން ފެސިލިޓީގައި ރާއްޖެއަށް އިމްޕޯޓް ކުރެވޭ ޕްލާސްޓިކްގެ ބޮޑުބައެއް ރީސައިކަލްކުރުމަށްފަހު ރޯ މެޓީރިއަލްސްގެ ގޮތުގައި އެކްސްޕޯޓް ކުރެވޭނެ ނިޒާމެއް 2023 ގެ ކުރިން ޤާއިމްކުރެވިގެންދާނެ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ވަނީ ހާމަކުރައްވާފައެވެ.

މި ފެސިލިޓީ ޤާއިމުކުރެވިގެންދާނީ ޕާލޭ މޯލްޑިވްސްއާއި ގުޅިގެންކަމަށާއި މި ޕްލޭންގެ ދަށުން ހިންގާ ހޭލުންތެރި ކަމުގެ ޕްރޮގްރާމު ތަކުގައި ތިމާވެށި ރައްކާތެރިކުރުމަށް ބާރުއަޅައި މަދަނީ ޖަމްއިއްޔާތައް ބައިވެރިވުމަށް ހިތްވަރުދޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްލޭންގެ ފުރަތަމަ ދެލިކޮޕީވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ވެބްސައިޓްގައި ޝާޢިއު ކޮށްފައެވެ. އެގޮތުން، އީމެއިލް މެދުވެރިކޮށް މިޕްލޭނަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތުވެސްވަނީ ހުޅުވާލާފައެވެ. މި ޕްލޭނަށް ޚިޔާލު ހުށަހެޅުމުގެ ފަހު ތާރީޚަކީ 30 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ 14:00 އެވެ. މި ޕްލޭނަށް ޚިޔާލު ހުށަހެޅުއްވުމަށް މެއިލް ކުރައްވާނީ[email protected] އަށެވެ.

ދިވެހިރާއްޖޭގެ ވެއްޓާއި އިޤްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން އިސްނަންގަވައިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ފޭސްއައުޓް ކުރަން ވަނީ ނިންމާފައެވެ. މިކަން އިޢުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި އ.ދ.ގެ 74 ވަނަ ޢާއްމު ބައްދަލުވުމުގެ ހަވާސާގެތެރެއިން ބޭއްވި ކްލައިމެޓް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ތަގުރީރެއްގައެވެ.

މި ލަނޑުދަނޑި ހާސިލު ކުރުމަށްޓަކައި، ޑްރާފްޓް ކޮށްފައިވާ ޕްލޭނަށް އާންމުންގެ ޚިޔާލު ހޯދުމަށް ބޭއްވި މި ވެބިނަރ ގައި ޒޫމް މެދުވެރިކޮށް 50 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.

މިވެބިނަރގައި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ޕްލޭން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ކޮންސަލްޓަންޓް ހައްވާ ނަޝްފާ ހުށައަޅައި ދިނުމަށްފަހު މި ޕްލޭނާ ގުޅޭގޮތުން ސުވާލު ކުރެވެއްވުމަށް ހުޅުވައިލިއެވެ. އަދި މިޕްލޭންގައި އެކުލަވާލާފައިވާ ކަންތައްތަކުގެ މައްޗަށް ޒޫމް އަދި ފޭސްބުކް ލައިވް މެދުވެރިކޮށް ސުވާލު ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާއި ގުޅޭ ޕްލޭން އެކުލަވާލާފައިވަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކާއި ވިޔަފާރިކުރާ ފަރާތްތަކުގެ އިތުރުން މިކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކުގެ މަޝްވަރާއާއި ބިނާ ކުރުވަނިވި ޚިޔާލު ހޯދައިގެންނެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅާފައިވާ 10 ބޭފުޅުންގެ ކޮމިޓީ އެއްގެ ލަފާ މަތިންނެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ޤަރާރެއްވެސް ފާސްކޮށްފައެވެ.

ދިރާސާތަކުން ދައްކާގޮތުން ދިވެހިރާއްޖޭގައި އުފެދޭ ކުނީގެ %10 އަކީ ޕްލާސްޓިކު ކުންޏެވެ. އަދި ޕްލާސްޓިކު ކުނީގެ ތެރެއިން، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ކުނި ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކަކީ ރާއްޖޭގެ ނާޒުކު ދިރުންތަކާއި ގުދުރަތީ ރީތިކަމަށް ހުރި ނުރަކައްލެކެވެ.