ޚަބަރު

އަންނަ ހަފުތާގައި އިތުރު 10000 ޓެސްޓު ކިޓު ލިބޭނެ - ޑރ.ނަޒްލާ


ކުރިއަށް އޮތް ހަފްތާގައި ރާއްޖެއަށް އިތުރު 10000 ޕިސީއާރު ޓެސްޓް ކިޓް ގެންނާނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ މިވަގުތު ކޯވިޑް 19 އަށް ޓެސްޓްކުރުމަށްޓަކައި ސްޓޮކްގައި ހުރީ 15000 ޕީސީއާރު ޓެސްޓް ކިޓުކަމަށެވެ. އަދި އިތުރު ޓެސްޓް ކިޓުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނަޒްލާ ވިދާޅުވއެވެ. ޑރ. ނަޒްލާ ވިދާޅުވީ މިހާރު ހުރި ކިޓްތަކުން 2 ހަފްތާއަށް ބޭނުންކުރެވޭނެކަމަށާއި ކޮންމެ ޓެސްޓް ކިޓަކުން ގާތްގަޑަކަށް 200 ޓެސްޓް ހެދޭނެކަމަށެވެ.

"ސްޓޮކްގައި ހުރި ޓެސްޓް ކިޓްތަކުގެ އިތުރަށް ހޮސްޕިޓަލްތަކުގައިވެސް އަދި އެބަހުރި ޓެސްޓް ކިޓް. ބިރެއް ނެތި ޓެސްޓް ކުރެވޭނެ. ޓެސްޓް ކިޓް ހުސްނުވާވަރަށް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން މިދަނީ."ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19 އަށް ޓެސްޓް ކުރުމަށްޓަކައި ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމް މާލެ ސަރަހައްދުގައި އައިޖީއެމްއެޗާއި، އޭޑީކޭ ހޮސްޕިޓަލް އަދި ފުލުހުންގެ ލެބޯޓަރީގައިވެސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް 5 ހޮސްޕިޓަލެއްގައި ވެސް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން މާލޭ ސަރަޙައްދުގައި ހިމެނޭ 3 ހޮސްޕިޓަލަކާއި، ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީއާއި އެންމެ ދެކުނުން އައްޑޫ ސިޓީގައި ފަތުރުވެރިންނަށް ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް އެޗް.ޕީ.އޭއިން ވަނީ ހަމަޖައްސާފައެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 6225 މީހުން ޕޮޒިޓިވް ވެފައިވާއިރު ބައްޔަށް ޓެސްޓު ކުރުމަށްޓަކައި ވަނީ 99300 ސާމްޕަލް ނަގާފައެވެ.