ޚަބަރު

ވަޒީފާގައި ނޫޅޭ މީހުންނާއި ފްރަންޓްލައިން އޮފިސަރުން ޕޮޒިޓިވްވާ އަދަދު ގިނަވެއްޖެ


ކޯވިޑް-19 ރާއްޖެއިން ފެނި އާއްމުންގެ މެދުގައި ފެތުރެންފެށި އިރު މިބަލި އެންމެގިނައިން ޖެހެމުން އައިސްފައި ވަނީ ޒުވާނުންނަށެވެ. އެހެންނަމަވެސް އޭރު ބަލި އެންމެ ގިނައިން ޖެހެމުން އައީ އުމުރުން 30 އަހަރާ ދެމެދުގެ މީހުންނަށެވެ.

މީގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެހެންނަމަވެސް މިހާރު ބަލި ފެތުރެމުންދާ މިންވަރަށް ބަލާއިރު ބަލިޖެހެމުން އަންނަނީ އުމުރުން 20 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާން ކުދިންނަށެވެ. ޒުވާން އުމުރު ފުރައިގެ މީހުންނަށް ބަލި ޖެހެމުންދާއިރު މިއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ސިއްޙި މާހިރުންވެސް ދަނީ ވިދާޅުވަމުންނެވެ. ކުރިން އުމުރުން ދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށް ބަލީގެ ނުރައްކާއޮތްނަމަވެސް މިހާރު މިބަލީގެ ނުރައްކާ ޒުވާން އުމުރުފުރައިގެ މީހުންނަށާއި ކުޑަކުދިންނަށް ބޮޑުވެ ވެންޓިލޭޓަރަށް ލާންޖެހިދާނެކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

ރާއްޖޭގައި ޒުވާނުންނަށް ބަލި ޖެހެމުންދާއިރު މީގެ ތެރޭގައި އެއްވެސް ވަޒީފާއެއްގައި ނޫޅޭ މީހުންނަށް ބަލި ޖެހޭ މިންވަރު އިތުރުކަން ފާހަގަ ކުރެވެއެވެ. ވަޒީފާގައި ނޫޅޭ މީހުންގެ އިތުރަށްވެސް ފްރަންޓް ލައިންގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މީހުންނަވެސް ބަލި ވަނީ ޖެހިފައެވެ. މިދެ ކެޓަގަރީގައިވެސް ބަލި ޖެހުނު މީހުންގެ އަދަދު އުޅެނީ 500އަށް ވުރެ މަތީގައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އެޕަޑިއޮމޮލޮޖިސްޓް ޑރ.އިބްރާޙިމް އަފްޒަލް ވިދާޅުވީ ވަޒީފާއެއްގައި ނޫޅޭ މީހުންނަށް ބަލިޖެހޭ މިންވަރު އިތުރުވެފައި ވާކަމަށާއި މީގެ ތެރޭގައި ވެސް ޒުވާނުން ގިނަކަމަށެވެ. މި މީހުންނަށް ބަލި ޖެހޭ މިންވަރު އިތުރުވާ މައިގަނޑު ސަބަބަކީ މަސައްކަތެއް ނެތި ގޭގައި ހުންނަން ޖެހުމުން ގިނަ ވަގުތު ބޭރުގައި އުޅުމާއި، ގިނައިން ކެޕޭ ރެސްޓައުރެންޓްތަކަށް ދިޔުމުގެ އިތުރުން ދިރިއުޅޭ ގެއަށް ބޭނުންވާ އެކިއެކި ސާމާނު ގަތުމުގައި އެމީހުން ހަރަކާތްތެރިވެ އުޅޭ މިންވަރު އިތުރުވުން ކަމަށެވެ. އަދި ޒުވާނުންނަށް ބަލިޖެހޭ މިންވަރު މަދުކުރުމަށްޓަކައި ކޮންމެހެން ޒަރޫރީ ބޭނުންތަކުގައި ނޫންގޮތަކަށް ބޭރަށް ނުނިކުތުމަށް ޑރ. އަފްޒަލް ވަނީ އިލްތިމާސްކޮށްފައެވެ.


"އެންމެ ގިނަ ކޭސްތައް ފެނިފައި މިވަނީ އަންއެމްޕްލޮއިޑް މީހުންނާއި، އަދި ފްރޮންޓްލައިންގެ މީހުންގެ ތެރެއިން. ފްރޮންޓްލައިންގެ މީހުންނަކީ ކޮންމެ ގޮތެއް ވިޔަސް އެމީހުންގެ މަސައްކަތް ޒަރޫރީ ބޭނުމެއް ޤައުމަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ ބައެއް." ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ދެވަނައަށް އެންމެ ގިނައިން ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ އިމާރާތްކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނާއި އަމިއްލަ ވިޔަފާރިތައް ހިންގާ މީހުންގެ އިތުރަށް ފިހާރަތަކުގައި މަސައްކަތް ކުރާ މީހުންނެވެ. އަދި މީގެ އިތުރަށް ސްކޫލް ނުވަތަ ކޮލެޖްތަކުގެ މީހުންނަށްވެސް ބަލި ޖެހެމުންދާކަމަށް މި ތަފާސް ހިސާބުތަކުން ދައްކައެވެ. މި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެންމެ މަދުން ބަލި ޖެހޭ މީހުންގެ ތެރޭގައި ޑްރައިވަރުންނާއި މާރުކޭޓްތަކުގައި މަސައްކަޔް ކުރާ މީހުން ހިމެނެއެވެ.

ކޯވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 6000 ވުރެ މައްޗަށް ވަނީ އަރާފައެވެ. އަދި މިހާރު ގިނައިން ބަލި ޖެހެމުން އަންނަނީވެސް ދިވެހިންނަށެވެ. މިގޮތުން ދިވެހިންގެ ތެރެއިން 3000އަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފައެވެ.