ކުޅިވަރު

ފަރިތަކުރުންތަށް ފަށަން މާޒިޔާއިން ހުއްދައަށް އެދިއްޖެ


އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހުއްދައަށް އެދިއްޖެއެވެ.

މިފަހަރުގެ އޭއެފްސީކަޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ދެކުލަބަކީ އެންމެފަހުގެ ލީގުޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކުލަބެވެ. ކޯވިޑް-19 އާއި ގުޅިގެން މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތަށް މެދުކަނޑާލިއިރު ކޮންމެ ޓީމަކަށްވެސް ކުޅެވިފައިއޮތީ އެންމެ މެޗެކެވެ. އެއީ ރަށުން ބޭރުގައި މާޒިޔާއިން އިންޑިއާގެ ޗެންނާއީ އެފްސީ އާއި ޓީސީން ރަށުން ބޭރުގައި ބަންގްލަދޭޝްގެ ބަސުންދުރަ ކިންގްސް އާއި ދެކޮޅަށް ވާދަކުރި މެޗެވެ. މާޒިއާއިން ޗެންނާއީ އާއި އެއްވަރުކުރިއިރު، ޓީސީ ކުޅުނު މެޗުން ވަނީ ބަލިވެފައެވެ.

މުބާރާތުގެ ގުރޫޕް އީގައި ބާކީހުރި މެޗުތަށް ރާއްޖޭގައި ކުޅެން ނިންމާފައިވާއިރު ދިވެހި ދެޓީމުންވެސްދަނީ މެޗުތަކަށް ތައްޔާރުވުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ކުޅިވަރުކުޅުމާއި އެއްވެއުޅުން މަނާކޮށްފައި އޮތުމުން ފަރިތަކުރުންތަށް ފެށޭނެގޮތް އަދިވެސް ނުވެއެވެ.

ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލޫމާތުދެމުން މާޒިޔާއިންބުނީ، މުބާރާތަށް ތައްޔާރުވާން ވަގުތު ބޭނުންވާ ކަމަށާއި، އެހެންކަމުން ފަރިތަކުރުންތަށް ފެށުމަށް ހުއްދައެއް ދިނުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމްއަށް އެދިފައިވާކަމަށެވެ. މާޒިޔާއިން ބުނީ ބޮޑު ބުރޭކެއްގައި ކުޅުންތެރިން ތިބެންޖެހުމުން ކުޅުންތެރިންގެ ފިޓްނެސްއަށްވެސް އޭގެސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށާއި، އެހެންކަމުން ވީއެންމެ އަވަހަކަށް ފަރިތަކުރުންތަށް ފަށަން ކުލަބުން ބޭނުންވާކަމަށެވެ.

މާޒިޔާއިން ބުނީ ފަރިތަކުރުންތަށް ކުރިއަށްގެންދާނެ ޕްލޭނެއް އަދި މުޅިން ފައިނަލް ނުކުރާ ކަމަށާއި، މިނިސްޓްރީ އާއި އެޗްޕީއޭއިން އަންގާ ގޮތަކަށް، އުސޫލުތަކާއި އެއްގޮތަށް ފަރިތަކުރުންތަށް ބާއްވަން ކުލަބުން ތައްޔާރުކަމަށެވެ. އެގޮތުން ސްކޮށް އެއްކޮށް ނުވަތަ ދެބަޔަކަށް ބަހާލައިގެންވެސް މިވަގުތަށް ފަރިތަކުރުންތަށް ފެށުން ވަރަށް މުހިންމު ކަމަށެވެ.

މާޒިޔާއިން ބުނީ، ކުލަބުގެ ގިނަ ކުޅުންތެރިން މިވަގުތު ތިބީ މާލޭގައި ކަމަށާއި، ނަމަވެސް ފަރިތަކުރުންތަށް ފެށޭނެ ސީދާ ތާރީޚެއް ޔަގީން ނުވާތީ ބައެއް ކުޅުންތެރިން އަދި ރައްތަކުގައި ތިބިކަމަށެވެ. ނަމަވެސް ފަރިތަކުރުންތަށް ފަށަން ހުއްދަ ލިބުނުހާ އަވަހަކަށް ބިދޭސީ ކުޅުންތެރިންވެސް ގެނައުމުގެ މަސައްކަތް ފަށާނެކަމަށް މާޒިޔާއިން މަޢުލޫމާތުދެއެވެ.

މާޒިޔާއިން މުބާރާތުގެ ބާކީހުރި މެޗުތަކަށް ނިކުންނާނީ ތަޖުރިބާކާރު ދިވެހި ކޯޗު މުޙައްމަދު ނިޒާމްގެ އިރުޝާދުގެ ދަށުންނެވެ.