ޚަބަރު

ކޯވިޑް-19 : ބަލި ދެނެގަތުމަށް ރާއްޖޭގައި ލައްކައަކަށްވުރެ ގިނަ ސާމްޕަލް ނަގައިފި


ކޯވިޑް-19 ބަލި ދެނެގަތުމަށް ރާއްޖޭގައި ލައްކައަކަށްވުރެ ގިނަ ސާމްޕަލް ނަގައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެއާ ހަމައަށް ބަލި ދެނެގަތުމަށް ރާއްޖޭގައި ވަނީ 101730 (އެއްލައްކަ އެއްހާސް ހަތްސަތޭކަ ތިރީސް) ސާމްޕަލް ނަގާފައެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިޢަދަށް 167 ދުވަސްވެފައިވާއިރު ރާއްޖޭގައިވެސް މި ބަލި ދެނެގަތުމަށް ހަދާ ޕީ.ސީ.އާރު ޓެސްޓް ހެދުމަށް މިހާތަނަށް ނެގި ސާމްޕަލްތަކުގެ ތެރެއިން 6000އަށްވުރެ ގިނަ ސާމްޕަލްވަނީ ޕޮޒިޓިވްވެފައެވެ.

ޖުމްލަ 6,564 މީހުންނަށް ބަލިޖެހުނުކަން ކަށަވަރުވެފައިވާއިރު، ބަލި ދެނެގަތުމަށް އެކެއްގެ ގައިން އެއްފަހަރަށްވުރެ ގިނަފަހަރުވެސް ސާމްޕަލްނަގާފައިވެއެވެ.

ރާއްޖޭގެ ހުރިހާ ރަށަކުންވެސް ކޯވިޑް-19އަށް ސާމްޕަލް ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު މާލޭގެ އިތުރުން ރާއްޖޭގެ 5 ސަރަހައްދެއްގައި ބަލި ދެނެގަތުމަށް ޓެސްޓްހެދޭނެ އިންތިޒާމުވެސް މިހާރުވަނީ ހަމަޖައްސާފައެވެ.

މާލޭގައި މިބަލި ދެނެގަތުމަށް މީގެ ކުރިން ފްލޫ ކްލިނިކްތަކާއި މަގުމަތިން ސާމަޕަލް ނަގަމުންދިޔަނަމަވެސް ފުރަބަންދަށް ދިން ލުއިތަކާއެކު ބަލިފެތުރުން އިތުުރުވެފައިވާތީ މަގުމަތިން ސާމްޕަލް ނެގުން މިހާރުވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ. މިހާރުވެސް ދިވާލަކު އެއްވްރެޖްކޮށް 1000 ސާމްޕަލް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނަގަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.