ކޯވިޑް-19އިން ރައްކާތެރިވުމަށް މާލެ ސަރަޙައްދުގައި އެޅި ފިޔަވަޅުތަކާއެކު މިރެއިން ފެށިގެން ފިހާރަތައް 9:30 ގައި ބަންދުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.
އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވަނީ ރޭގަނޑު އަށަކުން 10 އަކަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމާއެކު ވީ އެންމެ އަވަހަކަށް ފިހާރަތައް ބަންދުކުރުމަށްފަހު ގެއަށް ދިޔުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި 8 ޖަހާއިރު ފިހާރަތައް ބަންދު ނުކުރިނަމަވެސް 10ގެ ފަހުން ފިހާރަތައް ބަންދުކުރާނަމަ ދެން ދާން ޖެހޭނީ ހިނގާފައިކަމަށް ފުލުހުން ވިދާޅުވެއެވެ.
އަދި ރޭގަނޑު 8 އިން ފެށިގެން ދުއްވާ އެއްޗެތި މަނާވި ނަމަވެސް ފިހާރަތަކާއި ކެފޭ، ރެސްޓޯރަންޓުތަކުގެ ޚިދުމަތްތައް ލިބޭނެ ކަމަށާއި ޑެލިވަރީގެ ޚިދުމަތްވެސް އެ ގަޑިތަކުގައި މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ޑެލިވަރީ ޚިދުމަތުގައި ވެސް 8 ގެ ފަހުން ދުއްވާ އެއްޗެތި ބޭނުން ނުކުރެވޭނެ ކަމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.
" 8 ޖެހުމުގެ ކުރިން ހުރިހާ ޑެލިވަރީތަކެއް ނިންމާލެވޭނެ ގޮތެއް ހަދަންވީ. ނޫންނަމަ އެއްވެސް ދުއްވާ އެއްޗެއް އެއްވެސް ތަނަކަށް ނުދެވޭނެތީވެ މިކަން މިގޮތަށް ތައްޔާރުކޮށްލަންވީ." ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓް ފެރީ އާއި ބަހުގެ ޚިދުމަތްތައް ވަކި އުސޫލެއްގެ ދަށުން މިވަގުތު ބާއްވާނެކަމަށެވެ. އަދި ޓެކްސީތަކަށް ދީފައިވާ ހުއްދަތައް ވެސް އިތުރުކުރާނެކަމަށާއި ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ވަޒީފާއަށް ދާނަމަ ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކުރުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.
ކޯވިޑް-19 ފެތުރެމުންދާ މިންވަރަށް ބަލައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 8 އިން ފަތިހު 5 އާ ދެމެދު އެއްގަމު އުޅަނދު ދުއްވުން މިރެއިން ފެށިގެން މަނާވާނެއެވެ. ފުލުހުން ވަނީ މިވަގުތުތަކުގައި ބޭރުގައި އުޅޭ ފަރާތްތަކާމެދު ނަސޭހަތްތެރިވެ ކުށްތަކުރާރުވާނަމަ ފިޔަވަޅު އަޅަން ނިންމާފައެވެ.
ހަސަން
ޕްރައިވެޓް އޮފީސްތަކުގައި މުއައްޒަފުން ބައިތިއްބައިގެން މަސައްކަތްކުރުވާ ގަޑިވެސް ދުވާލަކު 4 ނުވަތަ 5 ގަޑިއިރަށްވުރެ އިތުރުނުކުރުމަށް އިލްތިމާސް ކުރައްވާ.