އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަންގެ ސެޓިފައިޑް ސެންޓަރަކަށް އެންސީއައިޓީ އަލުން ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިހް ވިދާޅުވީ ސަރުކާރުގެ އެއްވެސް އިދާރާއަކަށް މަޢުލޫމާތުތައް ރައްކާކުރުމަށް އިތުރު ތަންތަން ހަދަން ނުޖެހޭނެކަމަށާއި އެންސީއަޓީން އެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށްޓަކައި ސަރުކާރުގެ އެއްވެސް އިދާރާއަކުން ފީއެއް ދައްކަން ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އެންސީއައިޓީ ތަރައްޤީ ކުރުމުގެ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން އަލީ ޞާލިހް ވިދާޅުވީ ކުރިން ބައެއް ކަންކަމަށް އިހުމާލުވުމުގެ ސަބަބުން އެތަނަށް ލިބިފައިވާ އައިއެސްއޯ ސެޓިފައިޑްކަން ގެއްލިފައިވާކަމަށާއި މިހާރު މަސައްކަތް ކުރަމުން ދަނީ އަލުން އެ ސެޓްފިކެޓް ހޯދުމުގެ މަސައްކަތްކަމަށެވެ. އެގޮތުން އެ ސެންޓަރު އައިއެސްއޯގެ މިންގަނޑަށް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
" މިހާރު މަސައްކަތް ކުރަމުންދަނީ މި ޑާޓާ ސެންޓަރު އައިއެސްއޯގެ މިންގަނޑަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން. އިރާދަކުރައްވިއްޔާ ވަރަށް އަވަހަށް އައިއެސްއޯ ސެޓިފައިޑް ސެންޓަރަކަށް އަލުން ލިބިގެންދާނެ." ސްޓޭޓް މިނިސްޓަރ އަލީ ޞާލިހް ވިދާޅުވިއެވެ.
އަލީ ޞާލިޙް ވިދާޅުވީ އެންސީއައީޓީގައި ހުންނަ ސަރުކާރުގެ ޑާޓާތައް ނާޖާއިޒްގޮތުގައި ބޭނުން ކުރަމުންދާ މައްސަލައަކީ އަބަދުވެސް ފެންމަތިވަމުން އަންނަ މައްސަލައެއްކަމަށެވެ. ނަމަވެސް މިހާރު ރައްކާތެރިކަމާއެކު ސަރުކާރުގެ އޮފީސްތަކުގެ ޑާޓާ ހިފެހެއްޓޭކަމަށާއި އަދި ކަމާގުޅުން ނެތް ފަރާތްތަކަށް މިހާރު ޑާޓާތަކަށް އެކްސެސް ނުވެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ ގައި ހުންނަ ޑޭޓާ ސެންޓަރުގެ ޚިދުމަތް މެދުނުކެނޑި ލިބޭނޭގޮތް ސަރުކާރުން ވަނީ ހަދާފައެވެ. އަދި ސަރުކާރުގެ އޮފީސްތަކުގެ އިތުރަށް ދަޢުލަތުގެ ކުންފުނިތަކަށް ޚިދުމަތް ދޭން ޑޭޓާ ސެންޓަރުން ތައްޔާރަށް އޮތްކަމަށް ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވަނީ ވިދާޅުވެފައެވެ.