އިންޑިއާ އާއި ރާއްޖެއާ ދެމެދު ޤާއިމްކުރާ "އެއާ ބަބްލް"އާއެކު 3 އެއަރލައިނަކުން ދެޤައުމު ދެމެދު ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެވެ.
އިންޑިއާއާއި ރާއްޖެއާ ދެމެދު ޤާއިމްކުރާ "އެއާ ބަބަލް"ގެ ސަބަބުން ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދެގައުމުގެ ދޭތެރޭގެ މަޑުޖެހިފައިވާ ވައިގެ ގުޅުން އަލުން ފެށިގެންދާނެއެވެ. މި އެއާ ބަބަލްގެ ދަށުން އިންޑިއާގެ ރައްޔިތުންނަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޑެޓު، އެމްއޭސީއެލްގެ ކޯރޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ މިހާރު ތިން އެއަރލައިންއަކުން އިންޑިއާ އާއި ރާއްޖެއާއި ދެމެދު ދަތުުރުތައް ފެށުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެއީ އެއަރ އިންޑިއާ، އިންޑިގޯ އަދި މޯލްޑިވިއަންއިންކަމަށް ހަސަން ވިދާޅުވިއެވެ.
" ބައެއް އެއަރލައިންތަކުން ރާއްޖެއާއި އިންޑިއާ އާއި ދެމެދު ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދަނީ، މޯލްޑިވިއަން އާއި އެއަރ އިންޑިއާއިން ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދަނީ އިންޑިއާގެ ޓްރިވެންޑުރަމާއި ރާއްޖެއާއި ދެމެދު، އެ އެއަރލައިނަކުން ޑިސައިޑް ކުރާނީ ކޮން ޑެސްޓިނޭޝަންއަކުންކަން ދަތުރުތައް ފަށާނީ،" ހަސަން ވިދާޅުވިއެވެ.
މި ހަފްތާތެރޭ އެއަރ އިންޑިއާގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު، މޯލްޑިވިއަނުންވެސް ދަނީ ޓްރިވެންޑުރަމާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެމެދު ދަތުރުތައް ފެށުމަށް ތައްޔާރުވަމުންކަމަށް އެއަރލައިނުން މައުލޫމާތުދެއެވެ. އަދި މި ދަތުރުތައް ބޮޑަށް އަމާޒުކުރާނީ ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ފަރާތްތަކަށްކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
ދިވެހިރާއްޖެއަކީ އިންޑިއާއިން މިފަދަ 'އެއާ ޓްރެވެލް ބަބަލް' އެއް ޤާއިމްކުރާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އަދި މިއީ ކޯވިޑް-19 އަށްފަހު، ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރެވޭ މިފަދަ ފުރަތަމަ އެއަރ ބަބްލްކަން ފާހަގަކޮށްލެވެއެވެ.
އެއަރ ބަބްލަ އާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ، އެއަރ ބަބްލްގެ ސަބަބުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ފަސޭހަ ވެގެންދާނެކަމަށާއި، ބޮޑެތި ބަލިތަކަށް، ރާއްޖެއިން ލިބެން ނެތް ފަރުވާކުރަން މިހާރުވެސް ޚާއްސަ އުސޫލެއްގެ ތެރެއިން ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރެވުނަސް އެއަރ ބަބްލް ގާއިމްކުރެވުމުން ފްލައިޓްތަކުގެ ޝެޑިއުލްތައް ކުރިއާލާ އެނގި، ދަތުރުކުރާ ބަލި މީހުންނާ އެމީހުންގެ އާއިލާތަކަށް ފަސޭހަ ވެގެންދާނެކަމަށެވެ.
ރާއްޖެއަށް ކޮންމެ އަހަރަކުވެސް އިންޑިއާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު، ރާއްޖޭގެ އިގްތިޞާދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި މިއީ ލިބުނު އިތުރު ކުރިއެރުމެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 10 އިންސައްތަ ފަތުރުވެރިންނަކީ މިހާރު އިންޑިއާގެ ފަތުރުވެރިންނެވެ.