ވިޔަފާރި

ޕީ.އެސް.އައި.ޕީއާ ގުޅޭ ހުރިހާ ކޮންޓްރެކްޓްތައް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން އަންގައިފި


ދައުލަތުގެ ޕީ.އެސް.އައި.ޕީއާއި ގުޅޭ ހުރިހާ ކޮންޓްރެކްޓްތައް ޕީ.އެސް.އައި.ޕީ ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭގޮތަށް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ދައުލަތުގެ އިދާރާތަކުން ހިންގަމުންދާ ޕީ.އެސް.އައި.ޕީ މަޝްރޫއުތަކުގެ ފައިނޭންޝަލް މޮނިޓަރިންގ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ޕީ.އެސް.އައި.ޕީ ޕޯޓަލްއެއް ޑިވެލޮޕްކޮށް ބޭނުންކުރަން ފަށާފައިވާކަމަށެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި، މި ނޫންވެސް ގޮތްގޮތުން ދައުލަތާއެކު އެކި ފަރާތްތަކުން ކޮންޓްރެކްޓް ހެދިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ކޮންޓްރެކްޓްތަކުގެ މައުލޫމާތުތައް މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށް ފިނޭންސް މިނިސްޓްރީން ދަންނަވައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ދައުލަތާއެކު ކޮންޓްރެކްޓް ކުރެވިގެން ކުރިއަށްގެންދާ އެންމެހާ މަސައްކަތްތަކުގެ ކޮންޓްރެކްޓްތަކުގެ މައުލޫމާތުތައް 31 އޯގަސްޓްގެ ނިޔަލަށް މި މިނިސްޓްރީގެ ޕޯޓަލްއަށް ހުށަހަޅުއްވަންޖެހޭކަމަށެވެ. އަދި މި މުއްދަތުގެ ފަހުން ފައިސާ ދޫކުރެވެމުންދާނީ، ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅުއްވާ ފަރާތްތަކަށް އެކަނިކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީން ގެންދަވަނީ ދައުލަތުގެ މާލީ ނިޒާމްގެ ހިންގުން ހަރުދަނާކޮށް، ދެ ފުށް ފެންނަ ނިޒާމެއްގެ ދަށުން ކަންކަން އިންތިޒާމްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދައުލަތުން ފައިސާ ޚަރަދުކުރާ ގޮތުގެ ތަފްސީލާއި ދައުލަތަށް ލިބޭ އާމްދަނީގެ ތަފްސީލްވެސް އާއްމުކުރަމުންނެވެ. މީގެއިތުރުން ދައުލަތުގެ މަޝްރޫޢުތައް ހަވާލުކުރާ ގޮތުގެ ތަފްސީލްވެސް ފިނޭންސް މިނިސްޓްރީން ދަނީ ހާމަކުރަމުންނެވެ.