ވިޔަފާރި

ލަފާޖްގެ މެޖޯރިޓީ ހިއްސާ ބަދަލުކުރުމުގެ މުޢާމަލާތްތައް ނިންމާލައިފި


ލަފާޖް މޯލްޑިވްސްގެ 75 އިންސައްތަ ހިއްސާ އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީއަށް ވިއްކާލުމާ ގުޅޭ މުޢާމަލާތްތައް ފުރިހަމަކޮށްފިއެވެ.

1993 ވަނަ އަހަރު އުފެއްދި އެސްޓީއޯގެ ސަބްސިޑަރީއެއްކަމަށްވާ، ލަފާގް މޯލްޑިވްސްއަކީ އެސްޓީއޯގެ 25 އިންސައްތަ ހިއްސާއާއި ސްވިޓްޒަލެންޑްގެ ސިމެންޓިޔާ ހޯލްޑިންގ ކުންފުނީގެ 75 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.

އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީއަށް ބަދަލުކޮށްފައިވަނީ، ލަފާޖް ކުންފުނީގައި އޮތް ސްވިޓްޒަލެންޑްގެ ސިމެންޓިޔާ ހޯލްޑިންގ ކުންފުނީގެ 75 އިންސައްތަ ހިއްސާއެވެ. އެސްޓީއޯއިން ބުނީ މި ބަދަލާއިއެކު ލަފާޖް މޯލްޑިވްސް ސިމެންޓް ކުންފުނީގައިވާ އެސްޓީއޯގެ ހިއްސާއަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ. އަދި މިކަން އެސްޓީއޯގެ ހިއްސާދާރުންނަށް އަންގާފައިވާކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީން ލަފާޖްގެ މެޖޯރިޓީ ހިއްސާ ގަނެފައިވާއިރު، އެކުންފުނިން ވަނީ މިހާރު ކުންފުނި ހިންގުމަށް، ރެސޫޓް މޯލްޑިވްސް ސިމެންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ޖޮއިން ވެންޗަރއެއްވެސް ޤާއިމްކޮށްފައެވެ.

ލަފާޖްގެ މެޖޯރިޓީ ހިއްސާ ގަނތް ކުންފުނިން ބުނާގޮތުން، މެޖޯރިޓީ ހިއްސާއާއެކު ލަފާޖްގެ ވިޔަފާރި އިތުރަށް ފުޅާކުރާނެކަމަށެވެ. އެގޮތުން އަހަރަކު 75 ހާސް ޓަނުގެ ސިމެންތި އުފައްދާ ތިމަފުށި ފްލާންޓްގެ ކެޕޭސިޓީ 2 ލައްކަ ޓަނަށް އިތުރުކުރާނެކަމަށް ރޭސޫޓް ސިމެންޓް ކޮމްޕެނީން ބުނެއެވެ. މީގެއިތުރުން ރާއްޖެއަށް ސިމެންތީގެ ޑިމާންޑް އޮތްއިރު، މިހާރު ސިމެންތި އިމްޕޯޓްކުރަންޖެހޭކަން ފާހަގަކުރަމުން ރޭސޫޓް ސިމެންޓް ކޮމްޕެނީން ވަނީ ސިމެންތީގެ އަގު ދަށްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް ބުނެފައެވެ.

މެދުއިރުމަތީގައި ވިޔަފާރިކުރަމުންދާ ރޭސޫޓް ސިމެންޓް ކޮމްޕެނީން ދަނީ އެކުންފުނީގެ ވިޔަފާރި ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން އިރުމަތީ އެފްރިކާއާއި ޔޫރަޕްގައި އިތުރު ސިމެންތި ޕްލާންޓްތައް ޤާއިމްކުރުމަށް އެތައް މިލިއަން ޑޮލަރެއް އެކުންފުނިން ދަނީ އިންވެސްޓްކުރަމުންނެވެ.