ވިޔަފާރި

"ޑްރީމް ޑައިވް ޑެސްޓިނޭޝަން" އެވޯޑް ވިދިވިދިގެން 12 ވަނަ ފަހަރު ރާއްޖެއަށް ލިބިއްޖެ


މެރިން ޑައިވް ފެއަރގެ ފަރާތުން ބޭއްވި ޑައިވް އެންޑް ޓްރެވެލް އެވޯޑްސް ހަފްލާގައި "ޑްރީމް ޑައިވް ޑެސްޓިނޭޝަން"ގެ އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.

"ޑްރީމް ޑައިވް ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ލިބިފައިވާއިރު، މިއީ ދިވެހިރާއްޖެއިން މިއެވޯޑް ވިދިވިދިގެން ހާސިލްކުރި 12 ވަނަ ފަހަރެވެ.

މެރިން ޑައިވް ފެއަރއަކީ ކޮންމެ އަހަރަކުވެސް ޖަޕާނުގެ ޓޯކިޔޯގައި ސްކޫބާ ޑައިވިން އަދި ބީޗް ރިސޯޓްތަކަށް ހާއްސަކޮށްގެން ބާއްވާ ފެއާއެކެވެ. މިފެއާއަކީ ސްކޫބާ ޑައިވަރުންނާއި މޫދު ކުޅިވަރުތަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި ދުނިޔޭގެ ފެންވަރުގައި ވަރަށް މަގުބޫލު ފެއަރއެކެވެ. އަދި ދިވެހިރާއްޖޭގެ ޑައިވް ސެގްމެންޓް ތަޖުރިބާކުރަން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމަކީ ޖަޕާނެވެ.

މި ފެއާއަކީ ޖަޕާން އާއި ސައުތު އީސްޓް އޭޝިއާ ރީޖަންގެ މެދުގައި ދިވެހިރާއްޖޭގެ ޑައިވިން ސެގްމަންޓް އިތުރަށް ޕްރޮމޯޓްކޮށް ދާއިރާގެ ތަޖުރިބާކާރުންނާއި ބައްދަލުކުރުމަށް ލިބިގެންދާ ރަނގަޅު ޕްލެޓްފޯމެއްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ދިވެހިރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ޖާޕާން ހިމެނެއެވެ. މި އަހަރުގެ ފެބްރުއަރީ މަހު ޖަޕާނުން 4052 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %2.4 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި 2019 ވަނަ އަހަރު ޖުމްލަ 44،251 ފަތުރުވެރިން ޖަޕާނުން ވަނީ ދިވެހިރާއްޖެ ޒިޔާރަތް ކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 4.6 އިންސައްތައިގެ ކުރިއެރުމެކެވެ.

އެމް.އެމް.ޕީ.އާރް.ސީއިން އަންނަނީ ޖަޕާން މާކެޓް އާއެކު އެހެން މާކެޓްތަކަށް ވެސް އަމާޒުކޮށްގެން ގިނަ މާކެޓިން ހަރަކާތްތަކެއް އޮންލައިން އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ހިންގަމުންނެވެ. އެގޮތުން މިފަހުން ހިންގުނު ހަރަކާތްތަކުގެ ތެރޭގައި ސޯޝަލް މީޑިއާގައި ހިންގުނު ވިޒިޓް މޯލްޑިވްސް ލޭޓާ ކެމްޕެއިނާއި ފޭސްބުކް ލައިވް އިވެންޓް، "މޯލްޑިވްސް:ދަ ސަން ވިލް ޝައިން އަގައިން" ގެ އިތުރުން "ރީޑިސްކަވާ މޯލްޑިވްސް " ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ ވެބިނާ ސީރީޒްގައި "ނިއު ނޯމަލް" ހިމެނެއެވެ.

ނިއު ނޯމަލް ވެބިނަރގައި ފަތުރުވެރިން ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާއިރު ސަމާލުވާންވީ ކަންތައްތަކާއި ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުރި ތަފާތު ކަންކަން ދައްކާލާނެއެވެ. މި ވެބިނާ ސީރީސް ދިވެހިރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކަށް އާމަޒުކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު ޖަޕާނާއި، ސައުތް އީސްޓް އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ވެސް ހާއްސަކޮށްގެން ކުރިއަށް ގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.