ފަތުރުވެރިކަމުގެ ސިނާއަތް ކޯވިޑްގެ ހާލަތުން އަރައިގަތުން ލަސްވާ ލަސްވުމަކީ ވަޒީފާނެތް މީހުންގެ ނިސްބަތް އަވަހަށް އިތުރުވުމުގެ ނުރައްކާ ކުރިމަތިކުރުވާނޭ ކަމެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކުރި ދިރާސާއަކުން ދައްކައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ، ކޯވިޑްގެ ސަބަބުން ދިރިއުޅުމަށް ދިރިއުޅުމަށް ކުރާ އަސަރު ދެނެގަތުމަށް ޔޫއެންޑީޕީއާއެކު ކުރިއަށްގެންދިޔަ ސާވޭއެއްގައެވެ.
ޔޫއެންޑީޕީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ "ކޯވިޑް ކާރިސާއާ ގުޅިގެން ދިވެހިރާއްޖެއަށް ކުރި އަސަރު"ގެ ދިރާސާއިން ދައްކާގޮތުން ފެބްރުއަރީމަހުން ފެށިގެން ކޯވިޑްގެ އިޤްތިޞާދީ ލޮޅުން އެންމެ ފުރަތަމަ އަދި އެންމެ ބޮޑަށްކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. އެގޮތުން މުޅި ސިނާއަތް އެއްކޮށް ހުއްޓުމަކަށް އައި ފުރަތަމަ ސިނާއަތަކީވެސް ފަތުރުވެރިކަންކަމަށާއި އެހެން ސިނާއަތްތަކުގެ ވިޔަފާރިތައް ހުއްޓުމަކަށް އައީ މާ ފަހުންކަމަށްވެސް މިރިޕޯޓުގައިވެއެވެ. އަދި ރަސްމީ މަސައްކަތުގެ ބާޒާރުގައި އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށާއި އެއާ ގުޅިފައިވާ އެހެނިހެން ދާއިރާތަކަށްކަން ފާހަގަވެފައިވާކަމަށްވެސް މިދިރާސާއިން ދައްކައެވެ.
ދިރާސާއިން ދައްކާގޮތުން ވަޒީފާއަށް އަސަރުކޮށްގެން ޖޮބް ސެންޓަރަށް ހުށަހެޅުނު 7500 މައްސަލައިގެ ތެރެއިން 54 އިންސައްތައަކީ ސީދާ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ މައްސަލަތަކެވެ. އަދި 14 އިންސައްތައަކީ ފަތުރުވެރިކަމާ ގުޅުންހުރި ދަތުރުފަތުރުކުރުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މައްސަލަތައްކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ދިރާސާއިން ދައްކައެވެ.
ވަޒީފާއަށް ކުރި މައިގަނޑު އަސަރުތައް ފެންނަން ހުރީ ވަޒީފާއިން ވަކިކުރުމާއި މުސާރަ ނުލިބޭ ޗުއްޓީ އަދި މުސާރަ ކުޑަކުރުމުގެ ގޮތުގައެވެ. ދިރާސާއިން ދައްކާގޮތުން 44 އިންސައްތަ މީހުން ރިޑަންޑެންސީ ނުވަތަ އާމްދަނީ އެއްކޮށް ހުއްޓުނުއިރު، 24 އިންސައްތަ މީހުން މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވާފައިވެއެވެ. އަދި 32 އިންސައްތަ މީހުން މުސާރަ ކުޑަކުރިކަމަށް ބުނެފައިވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މައުލޫމާތުތަކަށް ބަލާއިރު، 31 އިންސައްތަ މީހުން ރިޑަންޑެންސީ ނުވަތަ އާމްދަނީ އެއްކޮށް ހުއްޓުނުކަމަށް ރިޕޯޓްކޮށްފައިވެއެވެ. 30 އިންސައްތަ މީހުން މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވިކަމަށް ބުނެފައިވާއިރު، 39 އިންސައްތަ މީހުން މުސާރަ ކުޑަކުރިކަމަށް ބުނެފައިވެއެވެ.
ކޯވިޑް ކާރިސާއާ ގުޅިގެން ރިސޯޓްތަކުގައި މަސައްކަތްކުރާ ޕޭރޯލް މުވައްޒަފުންގެ ތެރެއިން މާޗް އަދި އޭޕްރީލްގައި 1800 އެއްހާ ދިވެހި އަދި ބިދޭސީ މުވައްޒަފުންގެ ވަޒީފާ ގެއްލިފައިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ދިރާސާއިން ދައްކައެވެ. އަދި ރިސޯޓްތަކުގައި މަސައްކަތްކުރާ ޕޭރޯލް މުވައްޒަފުންގެ ތެރެއިން ގިނަ ބައެއްގެ ވަޒީފާ ގެއްލުނަ ނުދީ ކޮންމެވެސް އިންތިޒާމެއްގެ ދަށުން ވަނީ ހިފަހައްޓާފައެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދިޔަ ރިސޯޓް މެނޭޖްމަންޓް ސާވޭއިން ދައްކާގޮތުގައި މުސާރަ ލިބޭގޮތަށް ރިސޯޓްތަކުގައި ވަޒީފާ ދެމެހެއްޓި މުވައްޒަފުންގެ ނިސްބަތް ގިނައެވެ. އެއީ 96 އިންސައްތައެވެ. އެހެންކަމުން ގިނަ މީހުންނަށް ވަގުތުން ވަޒީފާ ގެއްލުމުގެ މައްސަލަ ކުރިމަތިނުވާކަމާއި ނަމަވެސް ރިސޯޓްތައް ހުޅުވޭ ގޮތް ނުވެއްޖެނަމަ ޖޫންމަހުގެ ފަހުން ރިސޯޓްތަކުން މުވައްޒަފުން މަދުކުރުމަކީ އެކަށީގެންވާކަމެއްކަމަށް މި ސާވޭއިން ދައްކައެވެ. އެހެންކަމުން ކޯވިޑްގެ ކުރިން އޮތް ހާލަތަށް އަނބުރާ ރުޖޫއަވާނެ އަވަސްމިނަކީ، ރިސޯޓްތަކުގެ މުވައްޒަފުންނާއި ފަތުރުވެރިކަމާ ގުޅުންހުރި ދައިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ވަޒީފާ ހޯދާ ފަރާތްތައް އަދި ވަޒީފާގެ ބާޒާރަށް އަލަށް ނުކުންނަ ފަރާތްތަކަށް ވަޒީފާގެ ޔަޤީންކަން ޤާއިމްކުރުމަށްޓަކައި މުހިއްމު ކަމެއްކަމަށް މިރިޕޯޓުގައިވެއެވެ. ނަމަވެސް ރިސޯޓް މެނޭޖްމަންޓް ސާވޭގައި މިޔަޤީންކަން ނެތްކަމުގެ ކަންބޮޑުވުނ އޮތްއިރު، ރިސޯޓްތަކުގެ ހިންގުން އާއްމު ހާލަތަކަށް ބަދަލުވާނެ އިރެއް ނޭނގޭކަމުގެ ކަންބޮޑުވުން 57 އިންސައްތަ ރިސޯޓަކުން ފާޅުކޮށްފައިވާކަމަށްވެސް މިރިޕޯޓުގައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކުރި ދިރާސާގައި މުޅި އިޤްތިޞާދު، ފަތުރުވެރިކަމުގެ ސިނާއަތަށް މިހާ ބޮޑަށް ބަރޯސާވެފައި އޮންނަ އޮތުމުގެ ސަބަބުން، މަސައްކަތްތެރިކަމާއި ވަޒީފާތައް އަލުން އިއާދަވުމާއި އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތައް އަލުން ފަށައިގަތުންވެސް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތީ ފަތުރުވެރިކަން އަލުން އިއާދަވުމުގެ މައްޗަށްކަމަށް ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ހައި ސީޒަނަށް އަމާޒުކޮށްގެން ފަތުރުވެރިކަން އިއާދަކުރުމަށްޓަކައި ސަރުކާރުން ކަމާބެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނެ ސްޓްރެޓެޖީއެއް އެކުލަވާލަންޖެހޭކަމަށްވެސް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮކްޓޫބަރުން މާޗުމަހުގެ ނިޔަލަށް އޮންނަ މުއްދަތަކީ ފަތުރުވެރިކަމުގެ ހައި ސީޒަނަށްވުމުން، ފަތުރުވެރިން ރާއްޖެ އައުމަށް ޝަޢުޤުވެރިކުރުވައި، ރާއްޖެއަށް ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި، ތައްޔާރުވުން ވަރަށް މުހިއްމުކަމަށްވެސް މިރިޕޯޓުގައިވެއެވެ. އެކަން ހާސިލުކުރުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތް އަލުން އިއާދަކުރުމަށްޓަކައި ވިޔަފާރިއާ ގުޅޭ ޓާސްކް ފޯހެއް އެކުލަވާލުން މުހިއްމުކަމަށްވެސް މިރިޕޯޓުގައިވެއެވެ. އަދި ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ވަކިވަކި ތަންތަނާއި، ޓުއަރ އޮޕަރޭޓަރުންނާއި އެއަރލައިންތަކުން ވަކިވަކިން މަސައްކަތްކުރުމުގެ ބަދަލުގައި ޖުމްލަ ގޮތެއްގައި ޑެސްޓިނޭޝަން މާކެޓިންގެ މަސައްކަތްތައް ހިންގައި، އެއް އަމާޒަކާ ދިމާލަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.