ވިޔަފާރި

އެސްބީއައިގެ ޚިދުމަތަށް ބުރޫއެއް ނާރާނެ


ސްޓޭޓް ބެންކް އޮފް އިންޑިއާ ހުންނަ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގިނަމަވެސް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތަށް އެއްވެސް ބުރޫއެއް ނާރާނެކަމަށް އެބެންކުން ހާމަކޮށްފިއެވެ.

ސްޓޭޓް ބެންކް އޮފް އިންޑިއާ، އެސްބީއައިން މިކަން ހާމަކޮށްފައި މިވަނީ، އެބެންކު ހިންގަމުންދާ އިމާރާތުގައި ރޭ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނިކޮށެވެ.

އެސްބީއައި އިން ބުނީ އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ 5 ފަންގިފިލާއެއްގައި ބެންކުގެ އޮޕަރޭޝަންތައް ހިނގަމުންދާކަމަށެވެ. އޭގެ ތެރެއިން 8 ވަނަ ފަންގިފިލާއަށް އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވާކަމަށް އެސްބީއައިން ބުނެއެވެ. ނަމަވެސް ބެންކުގެ ތިޖޫރިތަކާއި ވޯލްޓްއަކީ ފަޔަރ ޕްރޫފް ތަކެތިކަމަށް އެސްބީއައިން ބުނެއެވެ.

އެސްބީއައި އިން ބުނީ ބެންކު ހިންގާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިންގިނަމަވެސް، އާދީއްތަދުވަހު ބެންކުގެ އޭޓީއެމް ޚިދުމަތާއި ބެންކުގެ އެހެނިހެން ޚިދުމަތްތައްވެސް ކަސްޓަމަރުންނަށް އެއްވެސް ދައްޗެއް ނެތި ލިބޭނެކަމަށެވެ.