ވިޔަފާރި

އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި ބަހަން ފާސްކޮށްފި


މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި ބަހަން ފާސްކޮށްފިއެވެ.

އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި ބަހަން ނިންމާފައިވަނީ އޮންލައިންކޮށް ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ. އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި ބަހަން ނިންމާފައިވާއިރު، މިއީ މިދިޔަ 11 އަހަރުތެރޭގައި އެމްޓީޑީސީގެ ފައިދާއިން ހިއްސާދާރުން ޑިވިޑެންޑް ބަހަން ނިންމި ފުރަތަމަ ފަހަރެވެ.

1234 ހިއްސާދާރުންނާއެކު ބޭއްވި އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާގައި ވަނީ ކުރިއަށް އޮތް ދައުރަށް އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާ 5 ޑިރެކްޓަރުންވެސް އިންތިޚާބުކޮށްފައެވެ. މީގެއިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ކޭޕީއެމްޖީ ހަމަޖެއްސުމަށްވެސް އަހަރީ އާއްމު ޖަލްސާގައި ފާސްކުރިއެވެ.

އެމްޓީޑީސީން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން ކުންފުނިން ވަނީ މާލީގޮތުން ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ކުންފުންޏަށް 1.2 މިލިއަން ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފައިވެއެވެ.

އެމްޓީޑީސީން ދަނީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ފައިދާވާ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެމްޓީޑީސީން ވަނީ އެކުންފުނީގެ ބިޒްނަސް މޮޑެލްއަށްވެސް ބަދަލުތައް ގެނެސްފައެވެ. އަދި ކުރިމަގުގައި އެކުންފުންޏަކީ މާލީގޮތުން ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ފެނިގެންދާނެކަމަށްވެސް އެމްޓީޑީސީން ޤަބޫލްކުރެއެވެ.

ސަރުކާރާއި އާއްމު ރައްޔިތުންގެ ހިއްސާއޮންނަ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް، އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހިރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.