ކުޅިވަރު

ޕްރީސީޒަން ފަރިތަކުރުންތަކުގައި މެސީ ބައިވެރި ނުވާނެކަން ކުލަބަށް އަންގައިފި


ބާސެލޯނާގެ ޕްރީސީޒަން ފަރިތަކުރުންތަށް ފެށުމުގެ ކުރިން ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ހާޒިރު ނުވާނެކަމަށާއި، ޕްރީސީޒަން ފަރިތަކުރުންތަކުގައި ބައިވެރި ނުވާނެކަމަށް އެކުލަބުގެ ކެޕްޓަން ލިއޮނެލް މެސީ ކުލަބަށް އަންގައިފިއެވެ.

ރިޕޯޓްތަށް ބުނާގޮތުން، ބާސެލޯނާ ދޫކޮށްލަން ބޭނުންވެފައިހުރި މެސީ މިގޮތަށް ނިންމީ، އޭނާގެ ލީގަލް ޓީމާއިވެސް މަޝްވަރާ ކުރުމަށްފަހުއެވެ. ސަބަބަކީ މެސީ އެންމެ ފަހުން ބާސާ އާއިއެކު ސޮއެކުރި ކޮންޓްރެކްޓުގައި ކޮންމެ ސީޒަނެއް ނިމުމަށްފަހު ހިލޭ އޭޖެންޓެއްގެ ގޮތުގައި އޭނާއަށް ކުލަބު ބަދަލުކުރުމުގެ މާއްދާ އާއި ގުޅިގެންނެވެ.

މި މާއްދާގެ ދަށުން މެސީ ކުލަބު ބަދަލުކުރަން ބޭނުންވި ނަމަވެސް ބާސާއިން ބުނަމުން އަންނަނީ އެމާއްދާގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް ހަމަވެފައިވާކަމަށެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ސީޒަން ދިގުލައިގެން ދިއުމުން، އަންނަ ސީޒަންގެ ފެށުމުގެ ކުރިން މެސީއަށް ހިލޭ އޭޖެންޓެއްގެ ގޮތުގައި ކުލަބު ބަދަލުކުރެވޭނެކަމަށް މެސީގެ ލީގަލް ޓީމުން ގަބޫލުކުރެއެވެ. އެހެން ނޫންނަމަ މެސީ ކުލަބު ބަދަލުކުރަން ރިލީސް ކްލޯސް އެއްގޮތުގައި 700 މިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ.

ފުޓުބޯޅަ ކެރިއަރުގައި ނިންމާލި އެންމެ ނާކާމިޔާބު ސީޒަނަށްފަހު ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން މެސީ ހާމަކުރިއިރު، އޭނާ ކުލަބުގައި ބަހައްޓަން އެކި ގޮތްގޮތުން ބާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ހުސްވި ސީޒަން ފެނިގެންދިޔައީ ބާސާގެ އެތެރޭގެ ކޯޅުންތައްވެސް ބޮޑު ސީޒަނެއްގެ ގޮތުގައެވެ. އެގޮތުން ކުލަބުގެ ބޯޑުގެ ބައެއް އިސް ފަރާތްތަކާއި މެސީ އާއި ދެމެދު ހިތްހަމަނުޖެހުންތަކެއް އުޅޭކަމުގެ އަޑުތަށްވެސް ވަނީ ފެތުރިފައެވެ. ނަތީޖާއެއްގެ ގޮތުން މެސީ ކުލަބުގައި މަޑުކުރަން ނިންމައިފިނަމަ ކުލަބުގެ ރަޢީސް ޖޯސެފް މާރިއޯ ބާޓެމައު މަގާމު ދޫކޮށްލަން ތައްޔާރަށް ހުރިކަމަށްވެސް ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ.