ވިޔަފާރި

ޔޫކޭގެ "ޓްރެވަލް ކޮރިޑޯ ލިސްޓު"ގައި ރާއްޖެ ހިމެނުމަށް މަޝްވަރާކުރަނީ


އިނގިރޭސިވިލާތުގެ ރައްޔިތުން ދަތުރުކުރުމަށް އެޤައުމުން އެކުލަވާލާފައިވާ "ފަސޭޙަ ޤައުމުތަކުގެ ލިސްޓު"ގައި ރާއްޖެ ހިމެނުމަށް މަޝްވަރާކުރަމުންދާކަމަށް އެމްއެމްޕީއާރުސީން ހާމަކޮށްފިއެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓުގައި އިނގިރޭސިވިލާތް ހިމެނޭއިރު، ކޯވިޑްގެ ފަހުން އެޤައުމުން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ބައެއް ޤައުމުތަކަށް ޒިޔާރަތްކުރާ ފަރާތްތައް އަނބުރާ ޤައުމަށް އައިސް 14 ދުވަހަށް ކަރަންޓީން ވާންޖެހެއެވެ. އެޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، މިކަމުގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރާ އިނގިރޭސި ފަތުރުވެރިންގެ އަދަދު ދަށަށްދާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން ސަރުކާރުން ގެންދަވަނީ އިނގިރޭސިވިލާތުން އެކުލަވާލާފައިވާ "ކޮރިޑޯރ ލިސްޓަށް" ނުވަތަ ދަތުރުކުރުމަށް ފަސޭޙަ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިނގިރޭސިވިލާތުގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވީ، އިނގިރޭސިވިލާތުން އެކުލަވާލާފައިވާ ޓްރެވަލް ކޮރިޑޯ ލިސްޓުގައި ރާއްޖެ ހިމެނުމަށް މަޝްވަރާކުރަމުންދާކަމަށެވެ. ތޮއްޔިބް ވިދާޅުވީ އިނގިރޭސިވިލާތުގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިއްމު މާކެޓެއްކަމަށެވެ. އެހެންކަމުން ޓުއަރިޒަމް މިނިސްޓްރިއާއި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ޔޫކޭގެ ކޮރިޑޯރ ލިސްޓުގައި ރާއްޖެ ހިމެނުމާ ގުޅޭ މަޝްވަރާތައް އިނގިރޭސި ސަރުކާރާއެކު ކުރަމުންދާކަމަށް ތޮއްޔިބް ވިދާޅުވިއެވެ. އަދި މަޝްވަރާތައް ކާމިޔާބުވެއްޖެނަމަ، އިނގިރޭސިވިލާތުން އެކުލަވާލާފައިވާ ޓްރެވަލް ކޮރިޑޯރ ލިސްޓުގައި ރާއްޖެ ހިމަނާނެކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ އެއް ޤައުމަށްވާއިރު، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ކާރޮލް ރޮސްލާ މިދިޔަ ޖުލައިމަހު ނެރުނު ބަޔާނެއްގައި ވިދާޅުވީ އިނގިރޭސިވިލާތުން ލުއި ދިން ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިފައި ނުވަނީ އެ ގައުމުން ކަނޑައަޅާފައިވާ މިންގަނޑަށް ރާއްޖެ ނުފެތޭތީ ކަމަށެވެ. ހަމަ އެ ބަޔާނުގައި ރާއްޖެއިން ކޯވިޑް19އާ ދެކޮޅަށް ކުރަމުން އަންނަނީ ރަނގަޅު މަސައްކަތެއްކަމަށާއި ކޯވިޑަށް ޕޮޒިޓިވްވި ފަތުރުވެރިންނާއިމެދު ސަރުކާރުން ކަންކަން ބެލެހެއްޓިގޮތްވެސް ރަނގަޅުކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ރާއްޖެއިން ނުފެތެނީ އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ކޮން މިންގަނޑަކަށްކަމެއް ބަޔާނުގައި ބުނެފައެއް ނުވެއެވެ. އިނގިރޭސި ހައިކޮމިޝަނަރުގެ ބަޔާނުގައި ވަރަށް އަވަހަށް އިނގިރޭސިވިލާތުން ކަނޑައަޅާ މިންގަނޑުތަކަށް ރާއްޖެ ފެތޭނެކަމަށް އުންމީދުކުރާކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ ބޯޑަރުތައް ޖުލައިމަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލާފައިވަނީ ފަތުރުވެރިންނާއި އާއްމުންގެ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށްފަހުއެވެ. އެގޮތުން އެއަރޕޯޓްތަކުގައި ކޯވިޑްއަށް ޓެސްޓްކޮށް، ފަތުރުވެރިންގެ ހުން ބެލުމުގެ މަސައްކަތް ކުރަމުންދާއިރު، ޝައްކުކުރެވޭ ފަރާތްތައް ކަރަންޓީންކުރުމަށް އެކި ސަރަޙައްދުތަކުގައި ވަނީ ފެސިލިޓީޒްތައް ޤާއިމްކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުގައި ކޯވިޑްއަށް ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮންނަންޖެހޭ ގޮތަށް އުސޫލު ބަދަލުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.