ވިޔަފާރި

ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ބޮންޑު ވިއްކުމުގެ ހުއްދަ ސަރުކާރު ދީފި


ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ބޮންޑު ވިއްކުމުގެ ހުއްދަ ސަރުކާރު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރެއްވީ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެމްބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ވިއްކުމަށް މަސައްކަތްކުރަމުންދާ ޓްރެޝަރީ ބޮންޑްގެ ސަބަބުން ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުވެދާނެތީ އެކަމުގެ ލަފަޔަކަށް އެދި އެމްއެމްއޭއިން މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެނެވެ.

އެމްއެމްއޭއިން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ބޭރު ފަރާތްތަކަށް ސުކޫކް ބޮންޑް ވިއްކައިގެން ފައިނޭންސް ކުރާނެ ޢަދަދާއި ރާއްޖޭގެ ފަރާތްތަކަށް ޓްރެޝަރީ ބިލާއި ބޮންޑް ފަދަ ތަކެތި ވިއްކައިގެން ފައިނޭންސް ކުރާނެ އަދަދު ބަޔާންކޮށްފައިވާކަމަށެވެ.

އެގޮތުން އޭގެ ޖުމްލަ 5.5 ބިލިއަން ރުފިޔާއަށް އަރާއިރު، ސަރުކާރުގެ ސެކިއުރިޓީސް އިޝޫކުރުމުގައި އެ އޮތޯރިޓީން ޢަމަލުކުރަނީ 5.5 ބިލިއަން ރުފިޔާ އަށްވުރެ، ސެކިއުރިޓީސްގެ ނެޓް އިޝުއަންސް އިތުރު ނުވާ ގޮތަށް ބަލައިގެންކަމަށް އެމްއެމްއޭގެ ސިޓީގައިވެއެވެ. ނަމަވެސް، ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް އިޝޫކުރުމަށް މަސައްކަތްރަމުންދާ ޓްރެޝަރީ ބޮންޑް އިޝޫކޮށްފިނަމަ، މި ޢަދަދަށް ވުރެ ޖުމްލަ އިތުރުވެގެންދާނެކަމަށް އެމްއެމްއޭގެ ސިޓީގައިވެއެވެ.

މިމައްސަލައިގައި މަޖިލީހުން ފާސްކޮށްފައިވަނީ ސަރުކާރުން އެދިފައިވާ ގޮތަށް ބޮންޑް ވިއްކުމުގެ ހުއްދަ ދިނުމަށެވެ. އަދި ދައުލަތުގެ ބަޖެޓްގެ ނެޓް ފައިނޭންސިންގ 6 ބިލިއަން ރުފިޔާއަށްވުރެ އިތުރުނުވާނޭ ގޮތަކަށް ހިފެހެއްޓުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.