ވިޔަފާރި

އިންސާނެއްގެ އެހީއާ ނުލާ ހުން ބަލާ ސިސްޓަމެއް ދިރާގުން ތަޢާރަފްކޮށްފި


އިންސާނެއްގެ އެހީއާނުލާ ގައިގެ ފިނިހޫނުމިން ބަލައިދޭ "ކޮންޓެކްޓްލެސް މާސް ސްކްރީނިންގ ސޮލިއުޝަން" ރާއްޖޭގެ ވިޔަފާރިތަކަށް ދިރާގުން ތަޢާރަފްކޮށްފިއެވެ.

ދިރާގުން "ތާމަލް މާސް ސްކްރީނިން ސޮލިއުޝަން" ކަމަށްވާ "އަރލީ ވޯނިންގ، އެލާޓް އަދި ރެސްޕޮންސް" އީވާރް، ރާއްޖޭގެ ވިޔަފާރިތަކަށް ތަޢާރަފްކޮށްފައިވަނީ ޓެލެކޮމް މެލޭޝިއާ ގުޅިގެނެވެ.

ދިރާގުން ރާއްޖެއަށް ތަޢާރަފްކުރި "ތާމަލް މާސް ސްކްރީނިން ސޮލިއުޝަން" މެދުވެރިކޮށް އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން އެއްވެސް އިންސާނެއްގެ އެހީއަކާނުލާ މީހުންގެ ގައިގެ ފިނިހޫނުމިން ބަލައިދެއެވެ. ދިރާގުން ބުނީ ކޯވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ވިޔަފާރިތަކަށް ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު ކަސްޓަމަރުންނަށާއި މުވައްޒަފުންގެ ސަލާމަތާއި، ރައްކާތެރި މާހައުލެއް ދެމެހެއްޓުމަށް އީވާރްއަކީ ބޭނުންތެރި ވަސީލަތެއްކަމަށެވެ.

ދިރާގުން ވަނީ އީވާރްގެ ދެ ސޮލިއުޝަނެއް ރާއްޖެއަށް ތައާރަފްކޮށްފައެވެ. އެއީ އީވާރް ކްރައުޑް އަދި އީވާރް ކޮމްޕެކްޓް އެވެ.

އީވާރް ކްރައުޑް މެދުވެރިކޮށް އެއްފަހަރާ 10-15 ވަރަކަށް މީހުންގެ ގައިގެ ފިނިހޫނުމިން ބަލާލެވޭއިރު އީވާރް ކޮމްޕެކްޓް މެދުވެރިކޮށް ވަކި ވަކިން މީހުންގެ ގައިގެ ފިނިހޫނުމިން ބަލާލެވޭނެއެވެ. މީގެ ސަބަބުން އަތުން ހިފައިގެން ގެންގުޅޭ ތަމޯމީޓަރ ފަދަ ވަސީލަތްތައް ގެންގުޅެން ނުޖެހި، ގައިދުރުކަން އިސްކުރެވޭނެކަމަށް ދިރާގުން ބުނެއެވެ.

މި ސޮލިއުޝަން މެދުވެރިކޮށް ހުން އައިސް ނުވަތަ ގައިގެ ފިނިހޫނުމިން ހުންނަން ޖެހޭ ވަރަށްވުރެ މަތީގައި ހުންނަ މީހަކު އިމާރާތަކަށް ވަނުމާއެކު، ސިސްޓަމްއަށް ވަގުތުން އެލާޓް ފޮނުވާލަދެއެވެ. އަދި މޮބައިލް ފޯނުތަކަށް ނޮޓިފިކޭޝަންވެސް ފޮނުވައިދެއެވެ. މީގެ އިތުރުން، މި ޑޭޓާތައް 3 މަހުގެ ނިޔަލަށް ކްލައުޑް ސިސްޓަމެއްގައި ފަސޭހައިން ބަލާލެވޭގޮތަށް ރައްކާކުރެވިފައި ހުންނާނެކަމަށް ދިރާގުން ބުނެއެވެ.

މި ދެ ސޮލިއުޝަންވެސް ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ވަނީ ދިރާގު ހެޑް އޮފީހުގައި ގާއިމުކޮށްފައިއެވެ.

ދިރާގުން ބުނީ އެކުންފުނީގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ. އަދި އާ އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، ޑިޖިޓަލް ޒަމާނުގައި ވިޔަފާރިތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދުވެސް މަސައްކަތްކުރާކަމަށް އެކުންފުނިން ބުނެއެވެ.