ދުނިޔޭގެ ވިޔަފާރި

އިންޑިއާގެ އިޤްތިޞާދަށް 23.9 އިންސައްތައިގެ މަޑުޖެހުމެއް


މިދިޔަ ކުއާޓަރުގައި އިންޑިއާގެ އިޤްތިޞާދީ ދުވެލި 23.9 އިންސައްތަ މަޑުޖެހިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ކުއާޓަރުގައި އިންޑިއާގެ އިޤްތިޞާދީ ދުވެލި 23.9 އިންސައްތަ މަޑުޖެހިފައިވާއިރު، މިއީ 1996 ވަނަ އަހަރު އިންޑިއާއިން ކުއާޓްލީ ރިޕޯޓްތައް ނެރެން ފެށިފަހުން، އިޤްތިޞާދީ ދުވެލި މިހާ ބޮޑަށް މަޑުޖެހުނު ފުރަތަމަ ފަހަރެވެ.

އިންޑިއާގެ އިޤްތިޞާދު ވަރަށް ބޮޑަށް އަޑިއަޅާލާފައިވާއިރު، ކޯވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާގެ އިންޑަސްޓްރިއަލް އަދި މެނުފެކްޗަރިންގެ ސިނާއަތް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ.

ދުނިޔޭގައި 3 ވަނައަށް އެންމެ ގިނަ ކޯވިޑް ކޭސް ފެނިފައިވާ ޤައުމަކަށް އިންޑިއާވެފައިވާއިރު، އިޤްތިޞާދީ މާހިރުން ބުނާގޮތުން އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ކޯވިޑްގެ ސަބަބުން އެންމެ ބޮޑު އަސަރެއްކޮށްފައިވަނީ އިންޑިއާގެ އިޤްތިޞާދަށެވެ.

އިންޑިއާގައި މިހާރުވެސް ހަރުކަށި ފިޔަވަޅުތައް އަޅާފައިވާއިރު، ދަތުރުފަތުރާއި، ރެސްޓޯރަންޓްތަކާއި ރީޓެއިލް ވިޔަފާރިއަށް ބޮޑެތި ގެއްލުންތައްވެ، އެތައް މިލިއަން ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ.
އިޤްތިޞާދަށް ކުރިމަތިވަމުންދާ ހީނަރުކަމުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ވަނީ 266 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފްކޮށްފައެވެ. މި ޕެކޭޖްތަކުގެ ލޯނުތައް ފަސްކުރުމަށާއި، ފަގީރުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ދަނީ އެހީތެރިވަމުންނެވެ.