ދުނިޔޭގެ ވިޔަފާރި

ދުބާއީ ސަރުކާރުން އެމިރޭޓްސްއަށް 2 ބިލިއަން ޑޮލަރު


ކޯވިޑްއާ ގުޅިގެން އެމިރޭޓްސް އެއަރލައިންއަށް ކުރިމަތިވެފައިވާ ގެއްލުމުން އަރައިގަތުމަށް ދުބާއީ ސަރުކާރުން 2 ބިލިއަން ޑޮލަރު އެ އެއަރލައިނަށް ފޯރުކޮށްދީފިއެވެ.

ޚަބަރުތައް ބުނާގޮތުން އެމިރޭޓްސްއަށް 2 ބިލިއަން ޑޮލަރު ފޯރުކޮށްދީފައިވަނީ، އެއަރލައިންގެ ހިއްސާދާރެއްގެ ގޮތުން އެއަރލައިނަށް ކުރިމަތިވަމުންދާ ގެއްލުމުން އަރައިގަތުމަށެވެ. ދުބާއީ ސަރުކާރުން އެމިރޭޓްސްއަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ދުބާއީގެ ވަލީ އަހުދު ހަމްދާން ބިން މުހައްމަދު އަލް މަހްތޫމް ވަނީ އެމިރޭޓްސްއަށް އެހީވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތް ދުބާއީން ކުރާނެކަމުގެ ޔަޤީންކަން މިދިޔަ މާޗުމަހު ދެއްވާފައެވެ. އަދި އެމިރޭޓްސްއިން ވަނީ ދުބާއީ ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބެމުންދާކަން ހާމަކޮށްފައެވެ.

ކޯވިޑްގެ ސަބަބަން ކުރިމަތިވި ގެއްލުމުގެ ސަބަބުން މާޗުމަހު ނިމުނު ފިސްކަލް އަހަރުގައި އެމިރޭޓްސްގެ ފައިދާ ވަނީ 28 އިންސައްތަ ދަށަށް ގޮސްފައެވެ.

ޚަބަރުތައް ބުނާގޮތުން ދުބާއީ ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަމާއެކު އެމިރޭޓްސްގެ އޮޕަރޭޝަނަށް ބަދަލުތަކެއް ގެންނަން ކުރާ މަސައްކަތް ވަރަށް ބޮޑަށް ފަސޭޙަވެގެންދާނެއެވެ. އެބަދަލުތަކުގެ ތެރޭގައި އެއަރލައިންގެ ނެޓްވޯކާއި ފްލީޓް ރީސްޓްރަކްޗަރކުރުމުގެ މަސައްކަތް ހިމެނެއެވެ.

ކޯވިޑްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ސިނާއަތަކަށް ވައިގެ ދަތުރުފަތުރުގެ ސިނާއަތްވެފައިވާއިރު، ސިނާއަތަށް ކުރިމަތިވި ގެއްލުމުން އަރައިގަތުމަށް 4 ވަރަކަށް އަހަރު ނަގާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.