ކުޅިވަރު

އެޓްލާންޓާ ދާނީ ވަރުގަދަކޮށް ކުރިޔަށް: ގެސްޕަރީނީ


ކުރިޔަށް އޮތް ސީޒަންގައި ވެސް އެޓްލާންޓާ ދާނީ ވަރުގަދައަށް ކުރިޔަށްކަމަށް އެޓީމުގެ ކޯޗު ޖިއަން ޕިއޭރޯ ގެސްޕަރީނީ ބުނެފިއެވެ.

ގެސްޕަރީނީ ބުނީ ހުސްވި ސީޒަންގައި ހޯދީ ނަތީޖާ ތަކުރާރު ކުރެވޭނީ އެޓްލާންޓާގެ ވަރުގަދަ ކުޅުންދައްކައިގެން ކަމަށެވެ. އޭނާ ބުނީ ކުރިޔަށް އޮތް ސީޒަނުގައި ވެސް އަމާޒަކީ ރަނގަޅު ނަތީޖާތަކެއް ހޯދުން ކަމަށާއި އެފަދަ ނަތީޖާ ތަކެއް ހާސިލްކުރެވޭނީ ޓީމުން ހޯދާކުރިއެރުމުގެ މައްޗަށް ކަމަށެވެ. ކޯޗު ބުނީ ލީގު ހޯދުން އެއީ ކަނޑައެޅިފައޮތް ޓާގެޓެއް ނޫންކަމަށެވެ.

ހުސްވި ސީޒަންގައި އިޓާލިއަން ލީގުގެ ތިންވަނައިގައި ނިންމާލި ކޯޗު ބުނީ އެންމެ ބޮޑު ކަންބޮޑުވުމަކީ ސީޒަން ކުރިޔަށްދާނެގޮތެއް ނޭންގޭތީކަމަށާއި އަނެއްކާވެސް ހާލަތު ބަދަލުވެއްޖެނަމަ އުނދުގޫ ހާލަތަކަށް ގޮސްދާނެކަމަށެވެ. ނިމިދިޔަ ހަ މަސްދުވަހު ކުރެވުނު ތަޖުރިބާއަށް ބަލާއިރު ތިން ދުވަހުން މެޗެއް ކުޅެންޖުހުމާއި ސަޕޯޓަރުންނާ ނުލާ ކުޅެންޖެހުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށް ގެސްޕިރީނީ ބުންޏެވެ.

އެޓްލާންޓާގެ ކޯޗު ބުނީ މުޅި ޓީމު އޮތީ އައު ސީޒަނުގައި ކުރިމަތިވާ ޗެލެންޖްތަކާއި ކުރިމަތިލާން ތައްޔާރަށްކަމަށެވެ. އޭނާ ބުނީ އައު ސީޒަނަށް ތައްޔާރުވަމަށް ޓީމު އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.