ޚަބަރު

އިންޑިޔާއާއެކު އޮންނަ އެކުވެރި ގުޅުމުގެ ސަބަބުން އެކި ގޮތްގޮތުން ފައިދާވޭ - މިނިސްޓަރ މާރިޔާ


އިންޑިޔާއާއެކު އޮންނަ އެކުވެރި ގުޅުމުގެ ސަބަބުން އިޤްތިސާދީ ގޮތުންނާއި އިޖުތިމާއީގޮތުން ރާއްޖެއަށް އޭގެ މަންފާ ކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވަރުގަދަ ގުޅުމުގެ ނަތީޖާއެއްގެގޮތުން ރާއްޖެއަށް އެހީ ބޭނުންވާ ވަގުތުތަކުގައި އިންޑިއާގެ ފަރާތުން ޚާއްސަ އެހީތެރިކަން ލިބިފައިވާކަމަށެވެ. އެގޮތުން 3 ނޮވެމްބަރުގެ ހާދިސާގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކުރުމުގައި ލިބުނު އެހީތެރިކަމާއި 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިޘާގެ ވަގުތުގައިވެސް އިންޑިއާއިން ލިބުނު ކުއްލި އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް-19 ގެ މިދަނޑިވަޅުގައިވެސް އިންޑިއާއިން ވަމުން ގެންދާ އެހީތެރިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދުވާ ގާތްގުޅުމާއި އިންޑިއާއިން ފޯރުކޮށްދީފައިވާ އެހީތެރި ކަމާމެދު އެއްވެސް ފަރާތަކަށް ދެކޮޅުހެދެން ނޯންނާނެކަމަށެވެ.

މިނިސްޓަރ މާރިޔާގެ ޓުވީޓް ރިޓުވީޓްކޮށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ވިދާޅުވީ އިންޑިއާއިން އަބަދުވެސް އޮންނާނީ ދިވެހިރާއްޖެއާ އެކުގައިކަމަށެވެ. އިންޑިއާ އެމްބަސީން ވިދާޅުވީ ތާރީޚާއި ޘަޤާފީގޮތުން ދެޤައުމުގެ ރައްޔިތުންގެ މެދުގައިއޮތް ގުޅުމަކީ ޒަމާންވީ ގުޅުންތަކެއްކަމަށެވެ. އެއާއެކު ކުރިއެކޭވެސް އެއްފަދައިން ގާތް އަވަށްޓެރި އަދި ރަހްމަތްތެރިއެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް ދެމިއޮންނާނެ ކަމަށް އެމްބަސީން ވިދާޅުވިއެވެ. އަދި ރާއްޖެއަށް ކުރިމަތިވާ ދަތި އުނދަގޫ ދަނޑިވަޅުތަކުގައިވެސް އެ ގާތްގުޅުން އޮންނާނެކަމުގެ ޔަގީންކަން އެމްބަސީން ވަނީ ދެއްވާފައެވެ.

މިނިސްޓަރ މާރިޔާއާއި އިންޑިޔާ އެމްބަސީން މިފަދައިން ވިދާޅުވެފައިވާއިރު ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި އިންޑިއާއާއި ރާއްޖެއާ ދެމެދުގައިވާ ގުޅުމުގެ މައްޗަށް ފާޑު ކިޔަމުންނެވެ.