ދުނިޔޭގެ ވިޔަފާރި

އިންޑިއާގައި ޕަބްޖީ މަނާކޮށްފި


ޕަބްޖީއާއެކު ޗައިނާގެ އިތުރު އެޕްލިކޭޝަންތަކެއް އިންޑިއާގައި މަނާކޮށްފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮރމޭޝަން ޓެކްނޮލޮޖީން ވިދާޅުވީ ޗައިނާގެ ކުންފުނިތަކަށް ނިސްބަތްވާ 118 އެޕްލިކޭޝަނެއް މަނާކުރުމަށް ނިންމާފައިވާކަމަށާއި އޭގެ ތެރޭގައި މަޝްހޫރު މޮބައިލް ގޭމް ޕަބްޖީވެސް ހިމެނޭކަމަށެވެ. އަދި މި އެޕްލިކޭޝަންތައް މަނާކުރުމަށް ނިންމީ އިންޑިއާގެ ޤައުމީ ސަލާމަތަށް އޭގެ ސަބަބުން ނުރައްކާ އޮތްކަމަށް ބަލާފައިކަމަށްވެސް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އިންޑިއާއިން މަނާކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ޕަބްޖީގެ އިތުރުން، ބައިޑޫ އާއި އަލީ ޕޭވެސް ހިމެނެއެވެ. މީގެކުރިން އިންޑިއާއިން ވަނީ ޓިކްޓޮކްއާއި ޗައިނާގެ އެހެން ބައެއް އެޕްލިކޭޝަންތައްވެސް މަނާކޮށްފައެވެ.

އިންޑިއާގައި ޕަބްޖީއަކީ މަޤްބޫލް އެޕްލިކޭޝަނަކަށްވާއިރު، މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު އިންޑިއާގައި ޕަބްޖީ ޑައުންލޯޑްކުރި އަދަދު އުޅެނީ 54 މިލިއަންގައެވެ.

އިންޑިއާއިން ޗައިނާގެ ކުންފުނިތަކާއި ކުންފުނިތަކުގެ އުފެއްދުންތައް މަނާކުރަން ފަށާފައިވަނީ މިދިޔަ ޖޫންމަހު ދެ ޤައުމުގެ ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކެއްގެ ސަބަބުންނެވެ. އޭގެފަހުން އަނެއްކާވެސް މިހަފްތާގެ ކުރީކޮޅުވެސް މިފަދަ ކަންތައްތަކެއް ބޯޑަރުގައި ވަނީ ހިނގާފައެވެ.