ޚަބަރު

އިތުބާރުނެތްކަމުގެ ވޯޓުނެގުން އިތުރުވާތީ އެލްޖީއޭއިން ލާމަރުކަޒީ ކޮމިޓީއާ މަޝްވަރާކުރައްވައިފި


ޚާއްސަ ޤާނޫނެއްގެ ދަށުން ކައުންސިލްތައް ހިންގަމުންދާ މިދުވަސްވަރު ކައުންސިލްތަކުގެ ރައީސުންނާއި ނާއިބު ރައީސުންގެ އިތުބާރުނެތްކަމުގެ ވޯޓުނަގަމުންދާ މައްސަލާގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާއެކު މަޝްވަރާކުރައްވައިފިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާ ބައްދަލުކުރައްވައި މިކަން ހުށައަޅުއްވަމުން އެއޮތޯރިޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ޚާއްސަ ޤާނޫނެއްގެ ދަށުން ޚާއްސަ މުއްދަތެއްގައި ކައުންސިލްތަކުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ކައުންސިލްތަކުގެ ރައީސުންނާއި ނާއިބު ރައީސުންގެ އިތުބާރުނެއްކަމުގެ ވޯޓުނަގަން މަސައްކަތްކުރަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ކައުންސިލްތަކުން ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ކުރުމުގެ މުއްދަތު ނިމިފައިވާ ހާލަތަކަށްވާއިރު އިތުރުބާރުނެތްކަމުގެ މައްސަލަތަކާއި ގުޅިގެން ކައުންސިލްތަށް ހިންގުމަށް ހުރަސްއެޅި މަސައްކަތްތައް ހުއްޓޭފަދަ ހާލަތްތައް މެދުވެރިވަމުންދާކަމަށެވެ.

"ކައުންސިލްތައް ހިންގުމަށް ބޮޑަށް ފަސޭހަވެގެންދާނީ މި މަރުހަލާގައި އިތުރުބާރުނެތްކަމުގެ ވޯޓު ކުރިއަށްގެންދިއުމުގެ މަގު އެހާ ފަސޭހަނޫންކޮށް އޮތުމުންކަމަށް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބޭފުޅުން އެއްބަސްވަނީ. އެހެންވީމަ އެވިސްނުން ލާމަރުކަޒީ ކޮމިޓީއާ އެއްގޮތްކޮށްގެން ނޫނީ ބޯޑުން ހިންގާ ޤާވާއިދަށް އިސްލާހެއް ގެނައުން ކުރިއަށް ނުގެންދަންވެގެން ހަޤީގަތުގައި ތިބޭފުޅުންނާއި މަޝްވަރާކއްލަން ބޭނުންވީ" މިނިސްޓަރ އިމްރާން ވިދާޅުވިއެެވެ.

ކައުންސިލްތަކުގެ ރައީސުންނާއި ނާއިބު ރައީސުންގެ އިތުރުބާރުނެއްކަމަށް ވޯޓުނެގުމުގެ މައްސަލާއިގެ އިތުރުން ކައުންސިލަރުން މަސައްކަތަށް އޮފީހަށް ހާޒިރުނުވުންފަދަ މައްސަލަތައް ހުރިކަން އެލްޖީއޭއިން ފާހަގަކުރައްވާފައިވާއިރު، ލާމަރުކަޒީކޮމިޓީގެ މެންބަރުން ވިދާޅުވީ ކައުންސިލްތަކުން މިވަގުތު ކުރަންޖެހޭކަމަށް ޤާނޫނުގައި ކަނޑައަޅާފައިވަނީ އައު ކައުންސިލަރުން އިންތިޚާބުވަންދެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ރައްވެހިކަމުގެ ޚިދުމަތާއި އެނޫންވެސް އަސާސީ ޚިދުމަތްތައްދިނުންކަމަށެވެ.

އަދި ކައުންސިލަރުންނާމެދު ފިޔަވަޅުއެޅުމުގައި އެލްޖީއޭއިންވެސް ވިސްނުން ބަހައްޓަންވާނީ މިހާރު އަމަލުކުރަމުންދާ ޚާއްސަ ޤާނޫނުގައިވާ ކަންކަމުގެ ތެރެއިންކަމާކާ ކައުންސިލަރަކު ޚިލާފުވެއްޖެނަމަ ކަމަށެވެ. އެހެންކަމުން އިތުބާރުނެތްކަމުގެ މައްސަލަފަދަކަންކަން ގެންދާގޮތާގުޅޭގޮތުން އެލްޖީއޭއިން ބެލުމަށްފަހު އެއީ މިހާރަށް މުހިއްމުކަމެއްތޯ ބެލައި ގޮތެއް ނިންމުމަށް މެންބަރުންވަނީ ޚިޔާލު ހުށައަޅުއްވާފައެވެ.