ދުނިޔޭގެ ވިޔަފާރި

ބޭރުގެ 11 ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި


އީރާނުގެ ތެލުގެ ވިޔަފާރިއަށް އެހީތެރިކަން ފޯރުކޮށްދޭކަމަށް ބުނެ ބޭރުގެ 11 ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާއިން ބުނީ ބޭރުގެ 11 ކުންފުންޏަކާ ދެކޮޅަށް ފިޔަވަޅު އެޅީ، އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފަށް އެކުންފުނިތަކުން އިރާނުގެ ތެލުގެ ވިޔަފާރީގައި އެހީތެރިކަން ފޯރުކޮށްދެމުންދާތީކަމަށެވެ. އެގޮތުން އެކުންފުނިތަކުން ވަނީ އީރާނުގެ ޕެޓްރޯލިއަމްއާއި ޕެޓްރޯލިއަމް އުފެއްދުންތަކުގެ އިތުރުން ޕެޓްރޯކެމިކަލްސް އެކި ޤައުމުތަކަށް އެކްސްޕޯޓްކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

އެމެރިކާއިން ފިޔަވަޅު އެޅި 11 ކުންފުނީގެ ތެރޭގައި އީރާނާއި، ޗައިނާ އަދި ޔޫއޭއީގައި ޤާއިމްވެފައިވާ 6 ކުންފުންޏެއް ހިމެނެއެވެ. އެކުންފުނިތަކުން ވަނީ އެމެރިކާއިން ބްލެކް ލިސްޓްކޮށްފައިވާ ހޮންކޮންގ ކުންފުންޏާކަށް އީރާނުގެ ޕެޓްރޯ ކެމިކަލް އެކްސްޕޯޓްކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެމެރިކާއިން ދެން ފިޔަވަޅު އެޅި 5 ކުންފުނިން އީރާނުގެ ތެލުގެ ވިޔަފާރީގެ ފައިސާގެ މުޢާމަލާތްތަކުގައި ބައިވެރިވެފައިވާކަމަށްވެސް އެމެރިކާއިން ތުހުމަތުކުރެއެވެ. ނަމަވެސް އެއީ ކޮން ޤައުމުތަކަށް ނިސްބަތްވާ ކުންފުނިތަކެއްކަމަށް އެމެރިކާއިން ހާމަކޮށްފައެއް ނުވެއެވެ.

ބޭރުގެ ކުންފުނިތަކާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ދަށުން، އެމެރިކާގައި ހުރި އެކުންފުނިތަކަށް ނިސްބަތްވާ މުދަލާއި ފައިސާ ފްރީޒްކުރާނެއެވެ. އަދި އެމެރިކާގެ އެއްވެސް ކުންފުންޏަކުން އޭގެއިން ކުންފުންޏަކާއެކު އެއްވެސް މުޢާމަލާތެއްކުރުން މަނާވާނެއެވެ.

އެމެރިކާއިން އީރާނުގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ޓެރަރިޒަމާއި ޤައުމުތަކުގެ ދާހިލީ ކަންކަމާ ނުފޫޒު ފޯރުވުމަށް ތެލުން ލިބޭ ފައިސާ ޚަރަދުކުރާކަމަށް ތުހުމަތުކޮށްފައެވެ.